އެހެން ގޮތެއް ސިވިލް ކޯޓުން ކަނޑައަޅަން ދެން އެ ކޯޓު މިއަދުން ފެށިގެން ބަންދުކޮށްފައިވާ ކަމަށް ބުނެފިއެވެ.

ސިވިލް ކޯޓުން ބުނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ފަރާތެއް މިއަދު މާލެ އިން ފެނިފައިވާތީ، އެހެންގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 ން ފެށިގެން އެކޯޓު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެ ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކުރެވިފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން މިގޮތަށް ބުނިއިރު މާދަމާ ހިދުމަތް ދިނުމަށް ނިންމާފައިވާ ބޭންކުތަކާއި މަރުކަޒީ ބޭންކް، އެމްއެމްއޭ ވެސް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު މާލެއިން ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމާފައިވާތީއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް މައިމޫނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އެ ތިން ފިޔަވަޅަކީ:

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން މަނާކުރުން.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތް ހުއްޓައިލުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.

މިއީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެކުރިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކުރިއެވެ. އެކަމަކު، އެ ކާފިއުއަށް ގިނަ ބަޔަކު ބޯލެނބިއެވެ.

މާލެ ސަރަހައްދު ފުރަބަންދު ކުރި ނަމަވެސް ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ އުޅަނދުތަކާއި އެމްބިއުލާންސް އާއި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން އިސްތިސްނާވާނެއެވެ.

ފިޔަވަޅުތައް ތަންފީޒު ކުރުމާއި ވަގުތަށާއި، ހާލަތަށް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަރާ

    އަދިވެސް ސިއްހީ ދާއިރާގެ އޮފީސްތައް ރަސް މީކޮށް މިމ މަހުގެ 5 ން ފެށިގެން ހުޅުވަން އަންގާފަ އޮތީ އެހެން އޮފީސްތައް ބަންދު މިކިހާ ރަނގަޅުގޮތެއް ކުރާނި މަސައްކަތެއް ނުހުރޭ