ހދ. އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން، ކައުންސިލްތަކަށް އަމާޒުކޮށްގެން 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

“ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް 2018” ގެ ނަމުގައި 2018 އޭޕްރީލް 21 ން 25 އަށް ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމު ހދ.އަތޮޅު ކައުންސިލާއި، ހުރިހާ ރަށު ކައުންސިލްތަކުން ޖުމްލަ 32 ބައިވެރިއަކު ފުރިހަމަ ކޮށްފައިވެއެވެ.

މިތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ، އެކަމަށްޓަކައި މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އާޠިފެވެ.

ރަށްރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާނެ ގޮތުގެ މަޢުލޫމާތާއި، ކައުންސިލްތަކުގެ މޮނިޓަރިންގ ފްރޭމްވޯކާއި، ޕާފޯމަންސް އިންޑެކްސް ކުރިއަށް ގެންދާގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި މާލީ ކަންކަން ބަލަހައްޓާނެ ގޮތުގެ އިރުޝާދު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި، އޮޑިޓުން ފާހަގަކުރެވޭ ކަންކަމުގެ މަޢުލޫމާތު ބައިވެރިންނަށް ހިއްޞާކޮށްފައިވާކަމަށް ހދ.އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ޤަވާއިދަށް ހޭލުންތެރި ކުރުވުމާއި، ގަވަރމަންޓް އީލެޓަރ ސިސްޓަމް (ޖެމް)ގެ ތަމްރީނު ސެޝަނެއްވެސް މިޕްރޮގްރާމުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިތަމްރީނު ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި، އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.