ނުރައްކާތެރި ކޮވިޑް-19 އަށް މާލެއިން މީހަކު ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން ކުނި ނެގުން މެދުކަނޑާލާފައި ވީނަމަވެސް، މާދަމާ އެ މަސައްކަތް އަލުން ފަށާނެ ކަމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން މިރޭ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮފް އޮޕަރޭޝަންސް، އަހުމަދު ޝާފިއު ވިދާޅުވީ، މެދުކެނޑުމަކަށް ފަހު މާދަމާ އަލުން ކުނި ނެގުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރެއްހާއިރު ކަމަށާއި، އަލުން މި މަސައްކަތް ވެމްކޯއިން ފަށާއިރު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޝާފިއު ވިދާޅުވީ، މާލެއިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ފައްސިވުމާއި ގުޅިގެން ވެމްކޯއިން މިއަދު ވަގުތީގޮތުން ކުނި ނެގުން ހުއްޓާލާފައި ވަނީ، އަލުން ކުނި ނަގަން ފަށާއިރު ގެންނާނެ ބަދަލުތައް ކަނޑައަޅައި ހަމަޖެއްސުމަށް ކަމަށެވެ.

ވެމްކޯއިން މާދަމާ އަލުން މާލޭގައި ކުނި ނެގުމުގެ މަސައްކަތް ފަށާއިރު، އިމާރާތްތަކަށް ވެމްކޯގެ މުވައްޒަފުން ވަދެގެން ކުނި ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މާދަމައިން ފެށިގެން އިމާރާތްތަކާއި ގެތަކުން ވަކި ގަޑިތަކެއްގައި ކުނި ބޭރުކުރަން ޖެހޭނީ، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލައަށެވެ.

ވެމްކޯ އިން ބުނެފައިވާ ގޮތުގައި، މި ބަދަލާއެކު މާލޭގެ އެކި ސަރަޙައްދުތަކުން ކުނި ނެގުމުގެ ކަންކަން ކުރިޔަށްދާނީ އެކި ގަޑިތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ގަޑިތައް ފަހުން ހާމަކުރާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. ވެމްކޯ އިން ވަނީ، ސަރަޙައްދުތަކަށް ޚާއްސަ ކުރެވިފައިވާ ގަޑިއަށް ކުނި ބޭރު ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަށް އެދިފައެވެ.

ވެމްކޯ އިން އިތުރަށް ބުނެފައިވަނީ، ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން މާދަމައިން ފެށިގެން އަމިއްލައަށް ކުނި ބޭރު ކުރާގޮތަށް ނިންމާފައި ވީނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ވަދެ ނިކުމެއުޅުން މަނާކޮށްފައިވާ ގެތަކުން ކުނި ބޭރު ކުރުމުގެ ކަންކަން ހަމަޖައްސާނީ އެ ކުންފުނިން ކަމަށެވެ. އެގޮތުން އެފަދަ ގެތަކުން ކުނި ބޭރުކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެމްކޯގެ "ސްޕެޝަލް ޓާސްކްފޯސް" އެއް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވެމްކޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ "ސްޕެޝަލް ޓާސްކްފޯސް"ގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނީ، ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ. ކޮވިޑް-19 ކޭސް އަކާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ގެތަކުން، ވެމްކޯގެ ސްޕެޝަލް ޓާސްކްފޯސްގެ އެހީތެރިކަމާއި ނުލައި ކުނި ބޭރު ނުކުރުމަށް ވެސް އެ ކުންފުނިން އެދެއެވެ.

ވެމްކޯއިން ބުނެފައިވަނީ، ކުނި ބޭރުކުރުމުގައި އެތަކެތި އުފުލުމުގައި ގެއްލުންވެ، ކުނި ނުވަތަ ދިޔާތަކެތި ބޭރުނުވާ ގޮތަށް ބަންދު ކުރުމަށް އެދޭ ކަމަށެވެ. އަދި ގެތަކުން ކުނި އުކާލުމަށް ފަރުވާކުޑަނުކޮށް، އެ ކުންފުނިން މިހާރު ކަނޑައަޅާފައިވާ ގޮތުގެ މަތީން އަމަލުކޮށް، އެއްބާރުލުން ދިނުމަށް ވެސް ވެމްކޯ އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަލީމް

  ދަންވަރު ކުނިކަހާ ކަބަލުން ގޭގައި ގޭގައި މަޱު ކުރޭ ދައްތަ މެންގެ ހާލު އަޅު ގަނޱަ އިގޭ

 2. ބެއްޔާ

  ވެމްކޯއިން ކުރަންވީ ކަމަކީ ބޭރުން ކުނި އުފުލަން ޚާއްސަ ތަންކޮޅެއް ފެންވަރު ރަނގަޅު ކޮތަޅު ވެމްކޯ ލޯގޯ ޖަހައިގެން ގެނެސް ކަސްޓަމަރުންނަށް ކުޑަ އަގެއްނަގާފަ ވިއްކާނީ.. މިކަމުގަ ދެގޮތަކަަށް އަމަލު ކުރެވިދާނެ
  1.މަހަކަށް ގޭބިސީ އަކަށް ބޭނުންވާނެ ކޮތަޅަށް ވާވަރަށް އެމަހެއްގެ ބިލައް އެޑްކުރާނީ.. އަދި ކުނި ނަގާމީހުން ލައްވަ ޑެލިވަރީކޮށްދޭނީ
  2.ގޭބިސީން ނުވަތަ ކަސްޓަމަރު އެދުމުން ކުނި ނަގަން އަންނަ ފަތާތްތައް މެދުވެރިކޮށް ކޮތަޅު ވަގުތުން ރުފިޔާ ދީފަ ނެގޭގޮތައް ހަދާނީ.
  ސަރުކާރުން ކޮށްދޭންވި ކަމަކީ ވެމްކޯއަށް އެތެރެ ކުރާ ކޮތަޅުން ޑިއުޓީ ކަނޑާލަދޭންވީ. އޭރުން ކަސްޓަމަރުން ގެ އަތުން ކޮތަޅައް ކުރާ ޚަރަދު ކުޑަވެފަ، ދެފަރާތައްވެސް ރައްކާތެރިވާނީ..

  9
  2
 3. ސަލީމް

  ރޭގަނޱު ކުނިކަހާ ދައްތަ މެން ނުނެރޭތި އެމީހުން ވެސް އާއިލާ އޮން ނާނެ

 4. ސިގިރޭޓް

  ތިޔަ ގެތަކުގައި އުޅޭ މީހުން ބޮއިފައި މަގުމައްޗަށާއި އެކިތަންތަނަށް އުކާލާ ސިނގިރޭޓް ބުރި ހޯދައި އެއްކުރަނީ ކާކު؟ ތިއިން ކޮންމެ ގެޔެއްގައި އެތައް ދުންބޯޓެއް ހުންނާނެ.