ކޮވިޑް-19 ގެ އަލާމާތްތައް ހުރި 14 މީހަކު މާލެ ސަރަހައްދުން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، އެ 14 މީހުންނަކީ އިއްޔެ މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ކޮންޓެކްޓުވި މީހުން ކަމަށެވެ.

އިއްޔެ މާލެއިން ދެމީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެންމެ ފުރަތަމަ ފައްސިވިވެފައިވަނީ އަންހެނެކެވެ. އަދި ފަހުން އޭނާގެ ދެ އަހަރުގެ ދަރިފުޅުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މިހާރު މާލޭގެ އެލާޓް ލެވަލް ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.

ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?