2015 އިން 2017 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ބޭންކު ތަކުން އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 20 ބިލިއަނަށްވުރެ މައްޗަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކޮށްފައިވާ ވޭތުވެދިޔަ އަހަރުގެ އަހަރީ ހިސާބުތައް ދައްކާގޮތުން، ދިވެހި ބޭންކް ތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 20 ބިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، ވޭތުވެދިޔަ އަހަރު އެކަނި ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް އެކަނިވެސް 8.1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް 8.1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެލޯނު ދޫކޮށްފައިވާއިރު، މީގެ ތެރެއިން 2.9 ބިލިއަން ރުފިޔާގެ ލޯނަކީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން އަލަށް ރިސޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތައްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތައް މަރާމާތުކޮށް ރިނޮވޭޓް ކުރުމަށްވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޒަމާނުންސުރެ ދިވެހިންގެ ލޭނާރުގެ ގޮތުގައި އޮތް މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ހޯލްސޭލް އާއި ރިޓެއިލް ވިޔަފާރި އަށް 3.1 ބިލިއަން ރުފިޔާ އަދި ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 3.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިއެވެ.

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ވޭތުވެދިޔަ އަހަރުތަކުގައި ބާރު ދުވެލީގައި ކުރިއަރައިގެން ގޮސްފައިވާއިރު، ތަރައްޤީގެ ދުވެލީގައި ބޭންކް ތަކުން އަދާކުރާ ދައުރަކީ ނުހަނު ބޭނުންތެރި ދައުރެކެވެ. އެގޮތުން ބޭންކް ތަކުން ތަރައްޤީގައި ވެފައިވާ ހިއްޞާ އިތުރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.