ކޮވިޑް-19 އާއި ގުޅިގެން ޕޮލިސީ ޓާސްކް ފޯސް އާއި ކޮންމެ ރެޔަކު ރައީސް ބާއްވަމުން ގެންދަވާ ބައްދަލުވުން މިރޭ އޮންލައިންކޮށް ކުރިޔަށް ގެންދަވައިފިއެވެ.

މީގެ ކުރިން ރައީސް ދިރިއުޅުއްވާ މުލީއާގޭގައި ބާއްވަމުން ދާ މި ބައްދަލުވުންތަކުގެ ތެރެއިން، މިރޭގެ ބައްދަލުވުން އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައި މިވަނީ އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނި، މި ބަލި މާލޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ރެޔަކު ބާއްވަމުން ގެންދަވާ މި ބައްދަލުވުންތަކުގައި، ކަމާއި ބެހޭ އިދާރާތަކުން ރާއްޖޭގެ ހާލަތު ރައީސް އާއި ވަޒީރުންނަށް ޙިއްސާ ކުރައްވައެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން ރައީސް އާއި އެބޭފުޅުން މަޝްވަރާތައް ކުރައްވައެވެ.

މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައިވަނީ އިއްޔެ ހެނދުނު އެވެ. އެއާއެކު އިދާރާތަކުން ވަނީ ބައްޔަށް ފައްސިވި މީހާ އާއި ދިމާވެފައިވާ ފަރާތްތައް ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. އިއްޔެ މާލެއިން ޓެސްޓު ހެދި މީހުންގެ ތެރެއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާކަން އެޗްޕީއޭއިން މިރޭ ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި، އެންމެ ފުރަތަމަ މާލެ އިން މި ވައިރަސް ޖެހުނު އަންހެން މީހާގެ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅުވެސް ހިމެނެއެވެ.

މާލެ އިން ތިންވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 23 އަށް އަރާފައެވެ. މީގެ ކުރިން މާލެ ފިޔަވައި މި ބަލި ފެނިފައި ވަނީ ރިސޯޓު ތަކުންނެވެ. މާލޭގެ ތިން ކޭސްވެސް ފެންމަތި ވެފައި މިވަނީ 24 ގަޑިއިރު ތެރޭގައެވެ.

މާލެއިން އިއްޔެ ހެނދުނު ކޮވިޑް-19 އަށް ފައްސިވި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާއިރު، މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މާލޭގެ އެލާޓް ލެވަލް އިއްޔެ ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އިއްބެ ރަސް މޑ

  ކަލޯ އިބުރާ ރޯންފަށަންވީނު އާއާ މަންމާ މަށަކަށް މިކަމެއް ނުވާނޭ ކިޔާފަ.

  5
  8
 2. ޕަޕެޓް

  ހާދަ އަވަހަކަށް ކނބ ހޮރައްވަދެ މިތެޅިގަތީ ފައްސިވެދާނެތީ އެކަމަކު ގައިމު ރައްޔިތުންނާއިއެކު ވީހާލެއްގައިވާނަމޯ ކުޑަކޮއް ކީރިތިވެސް ކުރެވުނޯ
  ބޯހަލާކު!

  1
  1