ކޮވިޑް-19 އަށް ފުލުހުން ބޮޑު ސަމާލުކަމެއްދީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅުގައި ރޭވިގެން ހިންގާ ކުށްތައް ގިނަވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ހިންގަނީ ރައްޔިތުންނާ ގުޅުން ހުރި މާލީ ކަންކަމާއި ގުޅޭ ކުށްތައް ކަމަށެވެ. މިދިޔަ 10 ދުވަހު މާފުށީ ޖަލުން ވެސް އެފަދަ ކަންތައްތަކެއް ކުރާކަން ފާހަގަކުރެވިގެން އެކަން ހުއްޓުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް 35 ސިމް ކާޑުގެ ޚިދުމަތް ބްލޮކްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ 5 އަހަރު މާފުށީގައި ބޭނުން ކުރި 150 ސިމްކާޑް ބްލޮކް ކޮށްފައިވާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގާތްގަނޑަށް މިދިޔަ ދޮޅު މަހެއް، ދެ މަހެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ވެސް ކުށްކުރާ މީހުން އެބަހުރި މި އެކްސްޕްލޮއިޓްކުރުން ނުވަތަ ކުށްކޮށްގެން ވަކިކަހަލަ ފައިދާތަކެއް ހޯދުމަށްޓަކައި މަސައްކަތް ކުރާ ތަން. ވަކިން ޚާއްސަ ގޮތެއްގައި ރައްޔިތުންނަށް އޭގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ މާލީ ގޮތުން މީހުންނަށް އޮޅުވާލައިގެން ނުވަތަ އެކިއެކި ކަހަލަ ސްކޭމް ހިންގައިގެން ކުރާ ކަންތައްތައް." ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ ގިނަ ވަސީލަތްތައް ކޮވިޑް-19 އާ ގުޅިގެން ބޭނުން ކުރި ނަމަވެސް، ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމުގެ ސަލާމަތެރިކަން ނަގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ލުހުންގެ ޚިދުމަތްތަކުގެ ތެރެއިން ލިބެން ޖެހޭ އެހެން ޚިދުމަތްތަކަށް ވެސް ބުރު ނާރާ ކުރިއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ތިނަކަށް އަރާފައިވާ އިރު، އިއްޔެ އިން ފެށިގެން 24 ގަޑިއިރުގެ މުއްދަތަށް މާލެ ވަނީ ފުރަބަންދުކޮށްފައެވެ.

ކޮވިޑް-19 ގެ ކަންކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ޑިއުޓީކުރުމަށް ފަހު ގެއަށް ނުގޮސް ތިބޭނެ އިންތިޒާމް ފުލުހުން ވަނީ ހަމަޖައްސައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯބުރާންތިވެއްޖެ

    މި ދަނޑިވަޅެއްގައި އެކަންޏެއް ނޫން އިނގޭތޯ، ހުރިހާ އިރެއްގައިވެސް ކަންކުރަނީ ރާވައިގެން. މި ދަނޑިވަޅުގައި އެހެން ކަމެއްގައި ފުލުހުންނާއި ސިފައިން ޝާމިލުވެފައިވާތީ، ފަހަރެއްގައި ކަންކަން ކުރަން ފަސޭހަވާނެ ކަމަށް ބަލައިގެން އެކުރާ ބަޔަކު ކުރަނީ ކަމަށްވެދާނެ. ރާވައިގެން ނޫން ގޮތަކަށް ކުށްކުރާ މީހުން އާންމުކޮށް ކުށެއް ނުކުރޭ. މިހާތަނަށް ފުލުހުން ހާމަކުރާ މައުލޫމާތަށް ބަލާއިރު ކަން އޮތީ މިހެން.

    6
    1
  2. ހަސަންބެ

    ތިކަން މިހާތަނަށް ކުރީވެސް އަދި ލަފާކުރެވޭގޮތުގައި ކުރާނީވެސް ކެނެރީގެ ނަޝީދު..

    ތަޅަނެ ކުދީންކޮޅެއް ހޯދީ ކޮން ބޭފުޅެއްތޯ...