އައްޑޫގައި ދެކުދިން ގެއްލުުނު ސަރަހައްދު - ވަގުތު އިމޭޖަސް

އައްޑޫ ސިޓީ ހިތަދޫގައި މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބޮޑު ރާޅަކާއެކު އެކުދިން ގެއްލުނުއިރު، އެދުވަހު، އިންޑިޔާގެ ވަށައިގެންވާ ކަނޑުތަކުގައި ރާޅު ބޮޑުވާނެކަމަށް އެޤައުމުގެ ކަނޑުތަކުގެ މޫސުމާ ބެހޭ އިދާރާ، އިންޑިޔަން ނޭޝަނަލް ސެންޓަރ ފޯރ އޯޝަން އިންފޮމޭޝަން ސަރވިސަސް (އައިއެންސީއޯއައިއެސް) އިން ވަނީ ބުނެފައެވެ.

މި މަހުގެ 19 ވަނަ ދުވަހު އެއިދާރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހު އިންޑިޔާ އާއި ވަށައިގެންވާ ސަރަޙައްދުތަކުގެ ކަނޑުތަކުގައި ރާޅު ބޮޑުވާނެކަމަށެވެ. އަދި އުދަ ރާޅު އެރުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

"....ހައިދަރުއާބާދަށް ލަފާ ކުރެވިފައިވާ ގޮތުގައި 2 މީޓަރާއި 3 މީޓަރު އުސް އަދި 17 ސިކުންތާއި 22 ސިކުންތަށް ދެމިގެންދާނޭ ބޮޑެތި ވަރުގަދަ އުދަ ރާޅުތަކެއް އިންޑިޔާގެ ވަށައިގެންވާ ކަނޑުތަކަށް އަރާނެ."- އެއިދާރާގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއަކީވެސް އިންޑިޔާ ވަށައިގެންވާ ކަނޑުތަކުގައި އޮންނަ ޤައުމެއްކަމަށްވާއިރު، އެދުވަސްތަކުގައި ރާއްޖެއަށް އެރި އުދަ ރާޅުތަކާއި ދެ ކުދިން ގެއްލުނު ރާޅަކީވެސް، އިންޑިޔާއިން ލަފާކޮށްފައިވާ ރާޅުތައް ކަމަށްވުން އެކަށީގެންވެއެވެ. އަދި، އިންޒާރުގައި މަލިކު ހިމެނޭ ލަކްޝަދީބަށާއި އަންޑަމަން ރަށްތަކަށް އަދި ރާއްޖޭގެ އިރުމަތިން އޮންނަ ބަންގާޅު ކަނޑުގައިވެސް ރާޅު ބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.

އެޤައުމުން މި އިންޒާރުތައް ނެރެފައިވާއިރު 21 ވަނަ ދުވަހު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ނެރެފައެވެ. ހަމައެހެންމެ، ރާޅު ބޮޑުވާނެކަމަށް ލަފާކޮށް 22 ވަނަ ދުވަހުވެސް އެލާޓް ނެރެފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ދެ ކުއްޖަކު ގެއްލިފައިވާއިރު ޖުމުލަ ތިން ކުދިން އެދުވަހު އެސަރަޙައްދަށް އެރިފައިވެއެވެ. އެހެންނަމަވެސް، އެއް ކުއްޖަކު ވަނީ ސަލާމަތްވެފައެވެ. މި ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިހާރު މި ލިޔުމުގެބޭނުމަކީ ކޮބައިތޯ؟

  2. ދިވެހިންވެއްޖެނު އިންޑިޔާގެ މީޓިއޮރޮލޮޖީ އަށް ފަލޯ ކުރަން. ޜާއްޖޭގަ މިހުރީ ބޭކާރު ތަނެއް