ހއ. އަދި ހދ. ބައެއް ރަށްތަކުން މީހުން އެކަހެރިކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ދެ އަތޮޅުގެ ބައެއް ރަށްތަކުން މީހުން އެކަހެރި ކުރީ މާލެ އިން އެންމެ ފުރަތަމަ ފައްސިވި ދިވެހި އަންހެން މީހާއާ ކޮންޓެކްޓްވި މީހަކު ހދ. ހަނިމާދޫ އަށް މޯލްޑިވިއަންގެ ފްލައިޓެއްގައި އިއްޔެ ދިޔަ މައްސަލައިގައެވެ.

އެގޮތުން ހދ. ނާވައިދޫ އިންނާއި ހއ. ދިއްދޫ އާއި ހއ. މޮޅަދޫންނާއި ހއ. ވަށަފަރުންނާއި ހއ. ބާރަށުން ބައެއް މީހުން ގޭގައި އެކަހެރިކޮށްފައިވާ ކަމަށްވެއެވެ.

އެނގިފައިވާ ގޮތުގައި މާލެ ސަރަހައްދުން ހދ. ނާވައިދޫ އަށް އިއްޔެ ދިޔަ ބަޔަކު ވެސް ވަނީ ގޭގައި އެކަހެރިކޮށްފައެވެ. އެކަމަކު، އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ.

ވަށަފަރު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރައޫފު މިއަދު ވިދާޅުވީ މާލެއިން ކޮވިޑް-19 އަށް ފައްސިވެގެން އައިސޮލޭޝަންގައި މިހާރު ފަރުވާ ދެމުން އަންނަ މީހާ އާއި ޑައިރެކްޓުކޮށް ކޮންޓެކްޓުވި މީހަކު އެ ރަށުގައި މިހާރު ހުރުމުން އެމީހާ އެކަހެރިކޮށްފައިވާ ކަމަށެވެ. އެމީހާއާ ފުރަތަމަ ބައްޔަށް ފައްސިވި މީހާ އާއި ދިމާވެފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ، އެރަށުން ޑައިރެކްޓު ކޮންޓެކްޓު ވެފައި ވަނީ އަންހެނެއް ކަމަށާއި، އެނާ ރަށުގައި ހުރިކަން ކައުންސިލުން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި އެއްޗެއް އަންގަންދެން މިހާރު އެ އަންހެން މީހާ ވާނީ އެހެން މީހުންނާ އެކަހެރިކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 23 މީހެއްގެ ގައިން ކޮވިޑް-19 ފެނުނު އިރު، މާލެ އިން ތިން ދިވެއްސެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. މާލެ އިން ފުރަތަމަ ބަލި ފެނުނު މީހަކީ މީގެ ކައިރި މާޒީއެއްގައި ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ދެ ވަނަ އަށް މި ބައްޔަށް ފައްސިވީ އެމީހާގެ ދަރިފުޅެވެ. އަދި އެންމެ ފަހުން ތިން ވަނަ އަށް ބައްޔަށް ފައްސިވީ، އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

މީގެއިތުރުން އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު މީހަކާއި ފިލިޕީންސުން ރާއްޖެ އައި މީހަކު ވެސް ކޮވިޑް-19 ޖެހިފައިވެއެވެ. ދެން މި ބަލި ޖެހުނީ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. މިހާތަނަށް އަށް ދިވެއްސެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަކް

  ތިޔަ ޕާޓީކުރި މީހުން ނާ އެމީހުންނާ ގުޅުންހުރި މީހުން މުޅި ރާއްޖޭގަ ވިއްސިފައެއްނު ތިއޮތީ.. މިއީ ބިރުވެރި ވަގުތެއް.. ލަސް ނުކޮށް ރާއްޖޭގެ އަތޮޅުތަކުން ޓެސްޓުކުރެވޭނެ ގޮތްހަދާ އެކަހެރި ކުރޭ.. އަދި ވެސް އިރުޝާދުތައް އަޑުނާހާ ޕާޓީކުރާތި

  29
 2. ޜައްޔިތުން

  ޝަރުކާރުން ކަންކަން ކުރޭތީ ބަލަން ނުތިބެ ރަށު ކައުނސިލުން އެބަޖެހޭ ރަށުގެ ރައްޔިތުންގެ ސަލާމަތައްޓަކަި ރަށަށްއަރާ މީހުން ގޭގައި މަޑުކުރުވުމަށް

  30
  1
 3. ޚޫޅުދުއްފުށީ މުސްކުޅި ޒުވާނާ

  ކުޅުދުއްފުށީ މަގުން ތޯއްޗެ ހދ އަތޮޅަށް ދާނީ އެކަމަކު މާދަމާ ހުކުރު ނަމާދު ކުރާނެ ކުޅުދުއްފުށީގައި ބައިބޯށް ، ރަށު ސިއްހީ ނިޒާމު ސުމެއްގައި .

  15
 4. މަބުރޫކު މުރާކި

  ޢަވަހޭދޯ މިމިސްމީހުން ދިމަދިމާލަ އް ދު އްވަ އި ގަންލެ އްވެސް

 5. މާމިގިލީ މީހާ

  މާމިގިލިއަށް އިއްޔެ މާލޭން އައި އެއްވެސް މީހަކު ގޭގައި މަޑުކުރާކަށް ނާންގައި. ކީވެ ތޯ އެމީހުންނައް ނޭންގީ.. ބުރުމާ ބާގީ ގެނައި ބަޔަކަށް ވާތީތޯ؟

  5
  1
 6. ޣަލި

  ބިރުން އަދި ދެޔޭ އެބަ ރައްތަކައް.