ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު (ލޮކްޑައުން)ކޮށްފައި އޮތް އިރު އާއްމު ގޭގެއިން ކުނި ނަގާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12އިން 2 އަށް ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ރޯދަ މަހުވެސް ކުނި އިތުރުވާ ކަމަށާއި، މި ވަގުތު ގޭގައި ގިނަ ބަޔަކު ތިބެން ޖެހުމުން ކުނި އިތުުރުވާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ވީވަރަކުން ކުނި މަދުކޮށްދިނުމަށް އާދަމް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުނި ރަނގަޅަށް ޕެކް ކުރުމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް ވެސް އޭނާ އެދިލެއްވިއެވެ.

އާދަމް ވިދާޅުވީ، އާންމު ގޮތެއްގައި ބޭރަށް ކުނި ނެރުމުން އެއަށް ބުޅާތައް އަރާ ކޮތަޅުތައް ހަލާކުކޮށްލުން ފަދަ ކަންކަން ދިމާވުމަކީ ވާ ކަމެއް ކަމަށާއި، ވެމްކޯއިން ކުނި ގެއިން ބޭރަށް ނެރެން ބުނި އިރު އެންމެ ބޮަޑަށް ވިސްނި އެއްކަމަކީ އެއީ ކަމަށެވެ.

އަދި މުވައްޒަފުންނަށް އުނދަނގޫވީ ކަމަށްވީނަމަވެސް މެންދުރު 12އިން 2އަށް ކުނި ނަގަން ނިންމީ ވީހާވެސް ހޫނު ގަޑިއެއްގައި އެ މަސައްކަތް ކުރުމަށް ކަމަށް އޭނާ ފާހަގަކުރައްވައެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ބުޅަލުގެ ކެރެކްޓަރ. ދެން ވަރަށް ގިނަ ޚިޔާލުތައް އާދޭ ތަންތަނުގައި ބިން ބެހެއްޓުމާއި މިކަމަށް، ދެން މި ހުރިހާ އޮޕްޝަންތަކެއްވެސް އަޅުގަނޑުމެން ބަލާފަ މިކަމަށް އަޅުގަނޑުމެން އެންމެ މީހުންނަށް އެންމެ ފަސޭހަ ވާނެ ގޮތަކަށް އެންމެ ސޭފް ގޮތަކަށް މިކަން ކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." އޭނާ ވިދާޅުވިއެެވެ.

ކުނި ނެރޭ އިރު މަގުމައްޗަށް ނެރެދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ. އަދި ޑަސްބިން ބެހެއްޓޭ ފަރާތްތަކުން އެކަން ކުރުމަށް ވެސް އެދިފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖަރ އޮފް ކަލެކްޝަންސް ސަރވިސް މުހައްމަދު ޝާން ވިދާޅުވީ، ގާތްގަނޑަކަށް 2 ގަޑި އިރު މަސައްކަތް ކުރާއިރު، ވެމްކޯގެ ޓީމްތައް މަގުތަކަށް ނެރޭ ކުނި ވީއެންމެ އަވަހަށް ނަގާނެ ކަމަށެވެ.

ފުރަތަމަ މަސައްކަތް ކުރާ އިރު ކޮންމެވެސް ވަރެއްގެ ދަތިކަމެއް ދިމާވި ނަމަވެސް، ބޭރަށް ޖަމާކުރާ ކުނި ފަސޭހަކަމާއި އެކު ނެގޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރިޖާއި ފަރުނީޗަރު ފަދަ ތަކެތި މި ވަގުތު ނުނެރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

" އެމްޑީ އެ ފާހަގަކުރެއްވިގެން ލޮކް ކޮށްފައި ހުންނަ ތަންތަނުން އަޅުގަނޑުމެންނަށް އުނދަނގޫ ވާނެ. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ބޮޑަށް ދޮރުގައި ވެސް އަތް ނުލާން. ގޭތެރެއަށް ވެސް ނުވަންނަން. އެހެންވީމަ ބޭރުގައި ބަހައްޓާ ދެއްވާށޭ، އަޅުގަނޑުމެން ގޭދޮަށް ކުނިގޮނޑަކަށް ނުހަދާނަން. އަޅުގަނޑުމެން ވެމްކޯ ޓީމް މިކަމަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." ޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމާޝަލް ތަންތަނުން ކުނި ނެގުމާއި މެދު އެ ފަރާތްތަކާއި އެކު މަޝްވަރާ ކުރާ ކަމަށާ އެ ކުނިތައް ނަގާނީ ހެނދުނު 9 އިން ފެށިގެން 1 އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމާޝަލް ތަންތަނުގައި ވެސް ކުނި ބަދަލު ކުރާ އިރު ވަރަށް ބޮޑަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝުކުރިއްޔާ ވެރިން!

    ހުރިހާކަމެއް ރައްޔިތުން، ރައީސް ސާލިޙު ދެރަވަނީ، ޓެގް ނުޒުލާ ޝަކުވާގަ، މިހާރު މި ބޭފުޅުން! ތި ބުޅާތައް މި ވަގުތު ހިފާ ހައްޔަރުކުރަން ވީ ނޫންތޯ!

    ކެތްތެރި ވުމަކީ ނަފްސު ވަރުގަދަ ކުރުމެވެ. މާތް ﷲ އަށް ދުޢާ ކުރަމުން، ކެތްތެރި ވާށެވެ. ނޫނީ ތިޔަ އަދާ ކުރައްވާ ޒިންމާ އަށް އަސަރުކުރުން އެކަށީގެންވެއެވެ.

  2. ޒިޔާ

    ރަށްޔިތުން ނަކީ ފަރުދުން އެބައިމީހުންގެ ޒިންމާ އެބައިމީހުން އަދާކުރާނީ
    ވެމްކޯގެ ޒިންމާ ވެމްކޯ އިންއަދާކުރާނީ
    އޭރުންރަނގަޅުވާނެ