ނުރައްކާތެރި ކޮވިޑް-19 މާލެއިން އިއްޔެ ފުރަތަމަ ފަހަރަށް ފެނި، މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ވަގުތީގޮތުން ހުއްޓާލާފައި އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް އަލުން ފަށާނީ، ފުރަބަންދު އުވާލުމުން ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު މޯލްޑިވިއަން އިން ބުނެފައި ވަނީ، "ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން ކުރިޔަށް އޮތް ސައުވީސް ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި" ވާކަމަށެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ، އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް، މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދު އުވާލުމުން އަލުން ފަށާނެ ކަމަށެވެ.

އިއްޔެ މާލެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ އަންހެނަކު ފެނުމާއި ގުޅިގެން، މާލެ ސަރަޙައްދު ފުރަބަންދުކޮށް އެލާޓް ލެވެލް ވަނީ ރަތަށް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

މި ފިޔަވަޅުތަކާއެކު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތްތައް ވަނީ ހުއްޓާލަން އަންގާފައެވެ. މީގެ އިތުރުން، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓާމަށް އަންގައި، މާލެ ސަރަހައްދުން އުޅަނދުތައް ފުރުން ވަނީ މަނާކޮށްފައެވެ.

މާލެއިން އިއްޔެ ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވާއިރު، ރޭ އިތުރު ދެމީހަކު ވެސް މި ބައްޔަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ފުރަތަމަ ބަލި ޖެހުނު އަންހެން މީހާގެ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅާއި، އޭނާ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ. މިކަމާއި ގުޅިގެން މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ފުރަބަންދު އުވާނުލިޔަސް ހާއްސަ ހުއްދައެއް ނަގައިގެން ވިޔަސް ދަތުރު ތައް ފަށާބަ. ހާދަ ހާލެއްގައޭ އުޅެން މިޖެހެނީ، އަޅުގަޑަކީ އޭޕްރީލް 6 ގަ ޓިކްޓް ނެގި މީހެއް، އޭރުވެސް ޑިމާންޑް ބޮޑުކަމުން ޓިކެޓް ލިބުނީ 18 ވަނަ ދުވަހަށް، ދެން އަނެއްކާވީ މި ފުރަބަންދަކާ ހެދި މިތާ ގަނަތެޅެން ތިބެން.

    4
    1