ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ކެންސަލްކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް ޔޫރަޕިއަން ލީގު ގްރޫޕުން ބުނެފި އެވެ.

ޗައިނާ އިން މި އަހަރުގެ ކުރީކޮޅު ފެނުނު ކޮވިޑް-19 ޔޫރަޕާ ހަމައަށް ވެސް ފެތުރިފައިވާއިރު މި ބަލިމަޑުކަމުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސަތްކަތުގައި އަދި މިހާތަނަށް އަލި މަގެއް ފެނިފައިނުވެއެވެ. އެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސި ވަމުން އަންނަ މީހުން ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު މި ބަލީގައި މަރުވަމުންދާ މީހުންގެ ރޭޓު ވެސް އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ޔޫރަޕްގައި އުޅެނީ މަތީގައެވެ.

ކޮވިޑް-19 ވައިރަހާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްހެން ހުއްޓުމަކަށް އައިސްފައިވާއިރު، ޔޫރަޕްގެ ބޮޑު ފަސް ލީގު ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ލީގުތަކުގެ ކުޅުން ހުއްޓާލައިވާއިރު ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް މެދުކަނޑާލާފައެވެ.

ޔޫރަޕްގެ 36 ގައުމެއްގެ ލީގު ތަމްސީލުކުރާ ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ މި ވަގުތަށް ބަލާއިރު ކޮރޯނާވައިރަހުން އަރައިގަނެވޭނެ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށާއި އެހެންނަމަވެސް ޔޫރަޕްގެ ލީގުތައް ކެންސަލްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ވައިރަހުން ރައްކާތެރި މާހައުލެއް ގާއިމްވިހާ އަވަހަކަށް ލީގުތައް ފަށާނެ ކަމަށާއި، އަލުން ފެށުމަށްފަހު މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ވައްދައިގެން ނުވަތަ ނޫންކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

ބައެއް ގައުމުތަކުން ލީގު ކެންސަލްކުރަން ގޮވާލަމުންދާއިރު، މިހާތަނަށް ލީގު ނިންމާލާފައިވަނީ ހަމައެކަނި ބެލްޖިއަމް އިންނެވެ. ބެލްޖިއަމުން ވަނީ އެ ގައުމުގެ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދިނުމަށް ފަހު ސީޒަން ނިންމާލާފައިވާކަން ކްލަބްތަކަށް އަންގައިފަ އެވެ.

ގިނަ ގައުމުތަކުން ލީގު އެންމެ އަވަހަށް ވެސް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. ސަޕޯޓަރުން ނުވައްދައި މާޗް ފަހުކޮޅު އިޓާލިއަން ލީގާއި ޖަރުމަނު ލީގު ފަށަން އެ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން މަސަތްކަތް ކުރަމުން އަންނައިރު އިނގިރޭސި އެފްއޭ އިން ބުނީ ޕްރިމިއާ ލީގު އަލުން ފަށާނީ ހާލަތު މުޅިން ރަނގަޅުވުމުން ކަމަށެވެ.

ޑޮމެސްޓިކް ލީގުތައް އަންނަ ޖޫން 30 ގެ ނިޔަލަށް ފުރިހަމަ ކުރަން ޔުއެފާ އިން ކުޅިވަރު އެސޯސިއޭޝަންތަކަށް ގޮވާލާފައިވާއިރު އެ އިދާރާ އިން ބުނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގް އެންމެ ލަސްވެގެން އޮގަސްޓް 3 ގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށެވެ. އަދި އެ ތާރީހަށް ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ފުރިހަމަ ނުކުރެވިއްޖެނަމަ މި ސީޒަނުގެ ދެ މުބާރާތް ޖެހޭނީ ކެންސަލް ކުރުމަށް ކަމަށް ވެސް ޔުއެފާ އިން ވަނީ ބުނެފައެވެ.