ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ވިޒިޓް ލާމު އެޓޯލް (ވީއެލްއޭ) އިން، ކޮވިޑް 19 އާ ގުޅޭ މަޢުލޫމާތުތަކާއެކު، އެއަތޮޅަށް ޒިޔާރަތް ކުރާ ފަރާތްތައް ދެނެގަނެވޭނެ ފަސޭހަ އުސޫލުތަކެއް ހޯދުމަށްޓަކައި ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

މިޕޯޓަލްއާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވިޒިޓް ލާމު އެޓޯލް (ވީއެލްއޭ)ގެ ސީއޯއޯ އަދި ވެބް ޑިވެލޮޕަރ އަޙްމަދު އަނަސް ބުނެފައިވަނީ މިއީ މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސްފައިވާތީވެ، އަތޮޅަށް އަރާ ފައިބާ މީހުން ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ހެދި ޕޯޓަލްއެއް ކަމަށެވެ.

"އަޅުގަނޑުމެން މިއެއްކުރަނީ އަތޮޅަށް އަންނަ މީހުންގެ މަޢުލޫމާތު، މިޕޯޓަލްގައި އަޅުގަނޑުމެން މިއެދެނީ މިދިޔަ 14 ދުވަހުގެ ތެރޭގައި މިއަތޮޅަށް ޒިޔާރަތް ކުރި ފަރާތްތައް ނޯޓް ކުރުމަށް. އަދި އެފަރާތުން ރާއްޖެއިން ބޭރަށް މިދިޔަ 30 ދުވަހުގެ ތެރޭގައި ގޮސްފައިވޭތޯވެސް އަޅުގަނޑުމެން ބަލަން." އަނަސް ބުންޏެވެ.

ޕޯޓަލްއަށް ޒިޔާރަތް ކުރެއްވުމަށް މިލިންކަށް ފިއްތަވާ ލައްވާ!

އަނަސް ބުނެފައިވަނީ މި ޕޯޓަލްގައި ހިމެނޭނީ ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކުގެ ތެރެއިން މިކަމަށް އެދިފައިވާ ރަށްތައް ކަމަށެވެ.

"ކައުންސިލްއިން 9847791 ގުޅުއްވާ، ނުވަތަ މެސެޖެއް ކުރައްވާ، އޭރުން އެރަށެއް އަޅުގަނޑުމެން ޕޯޓަލްއަށް އެޑްކުރާނަން." އަނަސް ބުންޏެވެ.

އަނަސް އިތުރަށް ބުނެފައިވަނީ، ވިޒިޓް ލާމު އެޓޯލްގެ ވެބްސައިޓް މެދުވެރިކޮށް، ކޮވިޑް19 ގެ ރާއްޖޭގެ ތަފާސްހިސާބު ވަގުތުން ފެންނާނެ ކަމަށާއި އަދި ބައްޔާ ބެހޭ މަޢުލޫތުތައްވެސް ފެނިގެންދާނެ ކަމަށެވެ.

ވިޒިޓް ލާމު އެޓޯލްގެ ކޮވިޑް-19 ވެބްސައިޓްއަކީ 24 ގަޑިއިރު ތެރޭގައި ފަރުމާކޮށް، ރައްޔިތުންނާ ހަމައަށް ދޫކޮށްލި ސައިޓެކެވެ. އަަދި މިއީ އެފަރާތުން ކުރަމުން އަންނަ އިޖްތިމާޢީ މަސައްކަތުގެ ތެރެއިން، ހިލޭ ސާބަހަށް ކޮށްފައިވާ މަސައްކަތެއްކަންވެސް ފާހަގަކޮށްލެވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ތިހެން ޕޯޓަލް ހަދައިގެން އާންމު ބަޔަކަށް/މީހަކަށް ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ ބާރު ލިބިގެންވޭތަ؟

  2. ރީދޫ

    ރަށްރަށަށް ކާކުންކަން ނޭގި ރަށްތަކަށްގޮސް އަރައި ފޭބުމުގެ ބާރު ނޫނީ ހުއްދަ ދީފައިވަނީ ކޮންފަރާތަކުންތޯ؟ ހުއްދަ ލިބުނުގޮތެއް ހާމަކޮށްލަދެއްވުން އެދެން.