ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުން ވައިރަހުގެ ޝިކާރަ އަކަށްވެ ޖުމްލަ 847 މީހަކު މަރުވެފައިވާއިރު، އެގައުމުން މިހާތަނަށް މި ވައިރަހުގެ ސަބަބުން ޖުމްލަ 14،576 މީހުން ވަނީ މަރުވެފައިވެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މުޅިން އަލަށް 5،599 މީހަކު މި ވައިރަހަށް ފައްސިވެފައި ވާއިރު، މިހާރު އެ ގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 108،692 އަށް އަރާފައެވެ.

އިއްޔެ އެގައުމުން މިބަލި ޖެހިގެން 861 މީހަކު މަރުވެފައިވާއިރު، މިއަދު މަރުވި މީހުންގެ އަދަދަކީ އިއްޔެ އަށް ވުރެން 14 މީހުންގެ ދަށްވުމެއްކަން ފާހަގަކޮށްލެވެއެވެ. އިނގިރޭސިވިލާތަކީ މި ބަލި ޖެހިގެން 6 ވަނަ އަށް އެންމެ ގިނަ މީހުން މިހާރު ފައްސި ވެފައިވާ ގައުމެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ވައިރަސް ފެނި، އެގައުމުން ވަނީ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ. ނަމަވެސް މިހާރު އެގައުމުން ވައިރަސް ކޮންޓްރޯލް ކޮށްފައިވާއިރު، އަދިވެސް ގިނަ ގައުމުތަކަކުން ދަނީ ވައިރަހާއި ހަނގުރާމަ ކުރަމުންނެވެ.

މި ވައިރަސް ޖެހިގެން މިހާތަނަށް 2 މިލިއަނަށް ވުރެން ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި އިނގިރޭސިވިލާތަކީ އެމެރިކާ އަށް ފަހުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުންދާ ގައުމެވެ.

މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ހަލުވި ކަމާއި އެކު ވަައިރަސް ފެތުރެމުން އަންނަނީ އެމެރިކާގައެވެ. އަދި އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީވެސް ހަމަ އެ ގައުމުގައެވެ.