އެން ހިފަން ފީނި މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ފުޅި އަޅައިގެން އެން ހިފަން ފީނި މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީފްގެ ސަދަން އޭރިކާ ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގެއްލިފައި ވަނީ "އަސްދަން" ނަމަކަށް ކިޔާ ދޯންޏެއްގެ މަސްވެރިއެކެވެ. ގެއްލިފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ފީނީ ކަޅު ކުލައިގެ ޑައިވް ޝޫޓެއް ލައިގެން ކަމަށާއި އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިރޭ އަށެއް ޖަހާ ކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އަސްދަން ދޯނީގައި 25 މީހުން ތިބި ކަމަށާއި އެ ޒުވާނާއާ އެކު އިތުރު ތިން މީހަކު ފީނަން މޫދަށް ފޭބި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު މީހުން ފޭބީ 30 ވަރަކަށް މިނެޓުން ފުރިހަމަ ކުރެވޭ ޑައިވަކަށެވެ.

މި ދޯނި އެންހިފަން އުޅުނީ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް ބޭރުންނެވެ.