ދައުލަތުން ބިލް ދައްކަމުންދިޔަ އަލީ ހަމީދުގެ މޮބައިލް ފޯނުގެ ބިލަށް އަރާގޮތަށް އެހެން މީހުނަށް ރުފިޔާ ޓްރާންސްފަރ ކުރި މައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ، ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ފަށަން ތައްޔާރު ވެއްޖެއެވެ.

ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާއި، ރިޝްވަތުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވާއިރު، "ވަގުތަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮރަޕްޝަނުގެ މި މައްސަލައިގެ ލިޔެ ކިއުންތައް މިމަހުގެ ކުރީކޮޅު ޢަލީ ހަމީދުއާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ އޮޑިޓަ ޖެނެރަލް އެކުލަވާލެއްވި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ. މި މައްސަލަ ފެންމަތިވުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ތަހްޤީގު ކުރުމަށްފަހު 2013 ވަނަ އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފަނޑިޔާރުންގެ މޯބައިލް ފޯން ބިލްތައް ދައްކަމުން ދިޔަ ދުވަސްވަރު އަލީ ހަމީދު ގެންގުޅުއްވި ފޯނުން ތަފާތު އެކި ފަހަރުމަތިން އެހެން ފޯނުތަކަށް 2223ރ. އޭނާ ޓްރާންސްފާ ކުރައްވާފައިވާކަން މީގެ ކުރިން ހާމަވެފައިވާއިރު، މި މައްސަލަ ފެންމަތިވުމުން ފޯނުތަކަށް ޓްރާންސްފާ ކުރި ފައިސާ އަލީ ހަމީދު ދައުލަތަށް ދައްކާފައިވާކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް 2014 އެޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވަނިކޮށް، އެ ކޯޓަށް ލިބިފައިވާ މި މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީތަށްޓެއް ބަންޑުވެ ލިޔުންތައް ހަލާކުވެފައިވާ ކަމަށް މީގެ ކުރިން އެ ކޯޓުން ބުނެފައިވާއިރު، އަލުން އެ ލިޔުންތައް ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކްރިމިނަލް ކޯޓުން އެފިފައިވާކަންވެސް މީގެ ކުރިން ވަނީ ހާމަވެފައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާއާއި ގުޅިގެން ޖަލު ބަންދުގައި މިވަގުތު ހުންނެވި، ޢަލީ ހަމީދު ވަނީ މުސާރަ ނުހިނގާ ގޮތަށް ޖޭއެސްސީން ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން އޭނާ ހިލޭ އަންހެނަކާއި އެކު ބަދުއަޙްލާޤީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަވެސް ފުލުހުން ވަނީ އަލުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ހަތަރެސްކަން ހަމަވަނީ ...

  2. ހުސޭނުބޭ

    އެއީ ޢަލީ ޙަމީދެއްނޫން! ޢަލީ ޙަމީދާ ވައްތަރު މީހަކު ހިންގި ކަންތައްގަނޑެއް ޢަލީ ޙަމީދުގެ ބޮލަށްޖަހައިގެން ތި އުޅެނީ!