ރ. އަނގޮޅަތީމުގައި ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް އެރަށުގެ ރައްޔިތުންނަށް މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަނގޮޅަތީމުގެ ކައުންސިލަރު މުހައްމަދު ޝާހީން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުން މިހާރު މަސަދަޅުތައް ރައްޔިތުންނަށް ބެހުމަށް ތައްޔަރުވެފައި ވާކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި މަސްދަޅުތައް ބަހަން ފައްޓާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެރަށު ރައްޔިތުންނަށް ބަހަމުން ގެންދާނެ މަސްދަޅުތަކުގެ އަދަދެއް ޝާހީން ހާމަކުރައްވާފައެއް ނުވެއެވެ.

"މިފެށޭ ހަފްތާ ތެރޭގައި ރައްޔިތުންނަށް މަސްދަޅުތައް ބެހުމުގެ މަސައްކަތް ފަށާނެ. މިހާރު މަސްދަޅު ކޭސްތައް ހުރީ ރަށަށް ގެނެވިފައި. އަދި އަޅުގަނޑަކަށް ބުނަން ނޭންގެ މަސްދަޅު ދެމުންދާނީ ކިހާ އަދަދަކުން ކަމެއް" ޝާހީން ވިދާޅުވިއެވެ.

ރޯދަ މަހާއި ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ އެކި ތަކެތި ގިނަ ކައުންސިލްތަކުން އަބަދުވެސް ފޯރުކޮށްދެއެވެ. މިގޮތުން މީގެ ކުރިން ކައުންސިލްތަކުން ދީފައިވާ އެހީތަކުގެ ތެރޭގައި، ކަރަންޓު ބިލުން ބައެއް އުނިކޮށްދިނުމާއި ބޭނުންވާނެ ބައެއް ކާބޯތަކެތި ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

އެހެން ނަމަވެސް މިހާރު ވެރިރަށް މާލޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން މި ރަމަޟާން މަހުގައި ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން މަދުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.