މާލެ ސަރަހައްދު ފުރަބަންދުގައި އޮތަސް، ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، މާލެ އިން ގިނަ ބަޔަކު ބައްޔަށް ފައްސިވާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް 14 ދުވަހަށް މާލެ ވަނީ ފުރަބަންދަކަށް ގެންގޮސް، އަރައި ފޭބުން މަނާކޮށްފައެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަށްރަށާއި ރިސޯޓްތަކަށް ބޭނުންވާ މުދަލާއި ފެން ގެންދިއުމަށްޓަކައި މާލޭ ނޯތު ހާބަރަށް އެހެން ރަށްރަށުން އަންނަ އުޅަނދުތަކަށް ވަދެ މުދާ ބަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، އެކަމުގައި ފުލުހުން ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅައިފައެވެ.

އެގޮތުން މާލެއަށް އަންނަ ދަތުރުތަކުގައި އެެއްވެސް ދަތުރުވެރިއަކު ބޯޓުން ދަތުރުކޮށްގެން ނުވާނެ ކަމަށާއި، ހަމައެކަނި މާލެ އައުމުގެ ހުއްދަ ދެވޭނީ އެ ބޯޓެއްގެ ފަޅުވެރިންނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ވަނީ މިފަދަ ދަތުރެއް ފެށުމުގެ ކުރިން ރަށު ކައުންސިލަށް، އެކަން އެންގުމަށް ފަހު ކޮންމެ ބޯޓެއްވެސް ދަތުރު ފެށުމަށް އަންގައިފައެވެ.

މާލެ ފުރަބަންދު ކުރުމާއި އެކު ކުރިއަށް އޮތް ރަމަޟާންމަހަށް މުދާ ގެނައުމަށް މާލެ ގޮސްފައިވާ ގިނަ ބޯޓުތަކަކަށް މިހާތަނަށް ފުރިފައެއް ނުވެއެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ ރަށްރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ މުދާ ލިބިދާނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޭތެރެ

    މުދާ އެކަނި ނޫން ރާއްޖެތެރެ މީހާއަށް ވެސް ދެވެން ވާނެ ރަށުގައި ކަރަންޓްޓީނު ވާންވެސް

    11
    5
  2. ާެައަލީ

    އެއްގޮތަކަށްވެސް މީހުންނަށް ހުއްދަދޭކަށް ނުފެނޭ. އެކަ މު ރަށުގަތިބި މީހުން މާލޭގަތިބި އާއިލާތކަށް ތަކެތި ފޮނުވޭނެގޮތެއް އޮތުން މުހިން މު

  3. ާއަައްޑޫ ދަރި

    ޢަދިވެސް ހުއްދަ ނުލިބޭ ، ޕޮލިސް ހަބަރެ ނުވޭ

  4. ކަރީމް

    ރަށަށް އިމަރޖެންސީކޮށް ދާން ބޭނުންވާފަރާތް ތަކަށް ފުރުސަތު ދިނުން ވަރަށް މުހިންނު. ބަލި ބައްޕަ އެކަނިމާއެކަނި ރަށުގަ. ދެވޭނެ ގޮތެއް ނެތް. ސަރުކާރުން މިކަމަށް ކޮންމެވެސް ހައްލެއް ގެނެސް ދޭން އެބަޖެހޭ.