ދިވެހި ޑޮކްޓަރުން ފޯރުކޮށްދޭ ކޮންމެ އެހީއެއްގެ މިނެޓަކީ ގައުމު އެކަމަށްޓަކައި ޝުކުރު އަދާ ކުރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގައުމީ ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ރެއާއި ދުވާލު ޑޮކްޓަރުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ތައުރީފު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޑޮކްޓަރުން ފޯރުކޮށްދޭ އެހީގެ ކޮންމެ މިނެޓަކީ ގައުމު އެކަމާއި ޝުކުރު އަދާ ކުރާނެ ކަމެއް ކަމަށެވެ.

ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރު ބައްދަލުކޮށްފައި ވަނީ ޑޮކްޓަރުން ބުރަ މަސައްކަތަކާއި އެތައް ގުރުބާނީތަކެއް ވަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. މިއީ އިސް ސަފުގައި ތިބެ ޑޮކްޓަރުން ކުރާ މަސައްކަތަށް ތައުރީފް ހައްގު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޑޮކްޓަރުން ފުރާނަ އަތްމައްޗަށް ލައިގެން ކުރާ މަސައްކަތުގެ ސަބަބުން ޑޮކްޓަރުންގެ ރައްކާތެރިކަމަށް މުޅި ގައުމު އޮތީ ދަރަނިވެރިވެފައި ކަމަށެވެ. އެމަނިކުފާނު ވަނީ ޑޮކްޓަރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްއާ ނާއިބު ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ރައީސުން ވެސް ވަނީ ޑޮކްޓަރުންގެ ހިދުމަތުގެ އަގުވަޒަން ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެގޮތުން އެއްވެސް ވަރުބަލިކަމެއް އަދި ފޫހި ކަމެއް ނެތި ގިނަ އިރުތަކެއް ވަންދެން މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންނަށް ގިނަ ބަޔަކު އަންނަނީ މި ދަނޑިވަޅުގައި ތައުރީފް ކުރަމުންނެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލި މަޑުކަމެއްކަމުން ދުނިޔޭގެ ގައުމުތަކުގައި އުޅޭ އެތައް ޑޮކްޓަރުންނެއް މިހާތަނަށް ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮލާ

    އަދި ދޯ އެ ގެޓްވީ...

  2. ޑޮކްޓަރު މީހާ

    މި ޤައުމުގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ޑޮކްޓަރުން ނާއި ނަރުހުން ކުރަ މުން ދަނީ ކިހާވަރެއްގެ މަސައްކަތެއްކަ މެއް ދެނަހުރި މީހަކު ނޫޅެ ކޮވިޑް19 އާއި ޖެހެންދެން މިހާރު އެވަރެއް ނެތިގެން އުޅެނީ ވޭތުވެ ދިޔަ ހުރިހާ ސަރުކާރުތަކުންވެސް ޘަނާ ކިޔަ މުން ދިޔައީ ޓީޗަރުންނަށް ހެލްތު މިނިސްޓަރުކަ މަށް ޓީޗަރަކު ލީ މާ ލިބޭޢެއްޗަކުން ފުއްދާށޭ ކިޔާފަ ރިސްކު އެލަވަންސް ވެސް ކަނޑާލި އަދި ނުވިތާކަށް އަމިއްލަ ޚަރަދުގަ މާސްޓަރސް ނަހަދައިފިއްޔާ ވަޒީފާއިންވެސް ވަކިކުރާނެކަން އަންގާފަ އޮތީ އެކަމަކު މިހާރު ހަމަކައްސާފަ އޮތްގޮތުން ވަކިނުކޮށް މަޤާމު ދައްކޮށްފަ މުސާރަ ކުޑަކުރާގޮތަށް އޮތީ އެމީހުން 20 އަހަރަށްވުރެ ގިނަ ދުވަހު ކުރިޚިދުމަތާއި ތަހުރިބާގެ އެއްވެސް އަގެއްނެތް މިހާ ޖެއްސުންކޮށްފަ ތިބި ބައެއް ނަރުހުންނަކީ މި ހުރިހާ ދުވަހު އިހުތިޖާޖު ނުކޮށް އިންސާނީ ޚިދުމަތުގައި ކެތްތެރި ކަމާއިއެކު ދެމިތިބި ބައެއް އެމީހުންނަކީ އަބަދުވެސް ޓީޗަރުންގެ އޮނިގަނޑު ނުހެދިގެން މުސާރަ ބޮޑު ނުކުރެވިގެން ކޮންމެ ސަރުކާރަކުންވެސް އުޅެނީ، ކޮބައިތަ ޓީޗަރުންތައް ކުރީ ސަފަށް ނެރެގެން ޘަނާ ކިޔާބަލަ