ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތަށް ހަވީރު 5 އިން ބަންދު ކޮށް ޑެލިވަރީގެ ހިދުމަތް ދިނުމަށް އައްޑޫސިޓީ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މުޅި ދުނިޔެއަށް މިހާރު ފެތެރެމުންދާ ކޮވޑިް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ފަަރާތްތައް ގިނަވަމުން ދިއުމާއި ގުޅިގެން އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން މިއަދުގެން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސް ފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އާންމު ވިޔަފާރު ކުރާ ފިހާރަތަކާއި އެތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން ހަވީރު 5:00 އިން ފެށީގެން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ކޮށްދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ހަމަ އެކަނި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނެފައިވަނީ ގާޑިޔާތަކުގައި ހިންގާ ވިޔަފާރި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ހިންގޭއިރު ހަމަ އެކަނި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް އެކަނި ދެވޭނެ ކަމަށެވެ.

މިގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.