ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކޮށްފިއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ސޮއި ކުރައްވާ މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން މިލަންދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން މިލަންދޫގެ ހުރިހާ ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓްތަކުން ޚިދުމަތް ދިނުމުގައި، އެތަންތަނަށް ގޮސް ޚިދުމަތް ހޯދުމުގެ ބަދަލުގައި، އޯޑަރު ކޮށްގެން ތަކެތި ޑެލިވަރީކޮށްދޭ ގޮތަށް އެފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު އެކަން އެގޮތަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނީ އެގޮތަށް އެކަން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެރަށުގައި އެކުލަވާލައިފައިވާ ޓާސްކް ފޯސްގެ ލަފައާ މަޝްވަރާގެ މަތިން ކަމަށެވެ. އަދި ގިނަބަޔަކު އެފަދަ ތަންތަނަށް އެއް ފަހަރާ ޖަމާވުމުގެ ސަބަބުން ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެތީ އެފުރުޞަތު ހަނިކުރުމުގެ ގޮތުންނާއި، ރައްޔިތުންގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެނޫން ގޮތަކަށް ކައުންސިލުން އަންގަންދެން އެ ބަދަލާއި އެއްގޮތަށް މިލަންދޫގެ ހުރިހާ ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓްތަކުން
އަދި މިލަންދޫގެ ރައްޔިތުން ޢަމަލުކޮށް ދިނުމަށް ކައުންސިލް ރައީސްގެ ސޮއިކޮށް ނެރެފައިވާ އިއުލާނުގައިވެއެވެ.

މިލަންދޫ ކައުންސިލް އިން މިގޮތަށް ބުނި ނަމަވެސް އެގޮތަށް މިލަންދޫ ރައްޔިތުން އަމަލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައެއް ނުވެއެވެ. މީގެކުރިން އައްޑޫ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ނިންމިއެވެ. ނަމަވެސް އެކަންވެސް އެ ސިޓީން ކުރީ އެޗްޕީއޭ އިން އަންގައިގެން ނޫނެވެ. އެހެންކަމުން އޭރު އެޗްޕީއޭ އިން ވަނީ ގްރޭޓާ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ ހޮޓާ ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައި ނުވާނެ ކަމަށް ބުނެފައެވެ.

އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަންވެސް ލޯކަލް ކައުންސިލަކަށް އަންގާފައި ނުވަތަ އިރުޝާދެއްވެސް ދީފައިނުވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އޭގެފަހުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަން އާއްމު އުސޫލުގެ ދަށުން ހުޅުވަމުން ގެންދިޔައެވެ.

ނަމަވެސް މިއަދު އައްޑޫ ސިޓީ ކައުންސިލުން އަނެއްކާވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތަށް ހަވީރު 5 އިން ބަންދު ކޮށް ޑެލިވަރީގެ ހިދުމަތް ދިނުމަށް އެދިފައެވެ.