މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާ އާއި ގުޅިގެން ރައްޔިތުންނަށް ޑޮކްޓަރަށް ދެއްކުމަށް ދިމާވާ ދަތިތަށް ހައްލުކުރުމަށް އައިޖީއެމްއެޗް އިން އޮންލައިންކޮށް ޑޮކްޓަރަށް ދައްކޭގޮތަށް އޮންލައިން ކްލިނިކް ގެ ޙިދުމަތް ފެށުމަށް އެ ހޮސްޕިޓަލް އިން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ ކޯވިޑް-19 ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އާދިއްތަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އޮންލައިން ކްލިނިކް ގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލް އިން ބުނީ އޮންލައިން މި ކްލިނިކް އިން މަދުވެގެން ދުވާލެއްގެ މައްޗަށް ކޮންމެ ޑިޕާރޓްމަންޓްއަކުންވެސް 10 އަކާއި 15 ދެެދުގެ އަދަދަކަށް މީހުންނަށް ޙިދުމަތް ލިބިގެން ދާނެކަމަށާއި މި ޙިދުމަތް ހޮސްޕިޓަލް ގެ 2 ޑިޕާޓްމަންޓަކުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށް ގެންދާ 2 ޑިޕާޓްމަންޓްގެ ތެރެއިން އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް އާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް ހިމެނެއެވެ. އެ ހޮސްޕިޓަލުން އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް 12:00 - 8:30 އަށެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ 12:00 - 10:00 އަށް ކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗް އިން އަލަށް ފަށަން ހަމަޖެހިފައިވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ނާރުގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް، ހިތުގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް، ޢާންމު އޮޕަރޭޝަންތަކާބެހޭ ޑިޕާޓްމަންޓް، ކެންސަރު ބަލިތަކާބެހޭ ޑިޕާޓްމަންޓް، އެތެރެހަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް، ފުއްޕާމޭގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް، ކިޑްނީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް، އަދި ކުޑަކުދިންގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް ހިމެނެއެވެ.

އައިޖީއެމްއެޗް އިން އަލަށް ފަށާ މި ކްލިނިކް ޙިދުމަތްތަށް ދެމުން ގެންދާނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9 ން މެންދުރު 1 އަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އަދި ކްލިނިކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޯލް ގެ ޒަރީޢާއިން ކަމަށާއި ޑޮކްޓަރުންނަށް ދެއްކުމަށް އެދޭ ތަރުތީބުން، ހޮސްޕިޓަލުން ބަލިމީހުންނަށް ގުޅަމުންގެންދާނެ ކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.

އެ ހޮސްޕިޓަލް އިން ބުނީ އޮންލައިން ކްލިނިކް އާއި ބެހޭ މައުލޫމާތު ސާފުކުރެއްވުމަށް ހޮސްޕިޓަލް ގެ ހޮޓްލައިން 3335335 އަށް ގުޅުމުން މައުލޫމާތު ސާފުކޮށްދޭނެކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި މި ހާލަތުގައި މި ވައިރަސް މާލެއަށް ފެތުރިފައިވާތީ ހޮސްޕިޓާލްތަކާއި އެ ހޮސްޕިޓަލްގެ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް ހެލްތް އިންނާއި ކަމާބެހޭ ވުޒާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އައިޖީއެމްއެޗް އިން ހުޅުވާލާފައިވާ އޮންލައިން ގެ މި ޙިދުމަތުގެ ސަބަބުން ގޭގައި ތިބެގެން އާންމުންނަށް ޑޮކްޓަރަށް ދެއްކޭނެކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    އާދައިގެ ނިކަމެތި މީހާއަށް ބަލީގެ މަރުވުން ނޫން ގޮތެއް ނެތް. ކޮންމެ މީހަކީ ވައިބަރ
    ފަދަ އެެއޗިއްސަށް ފަރިތަބައެއްނޫން. ބޮޑުންނަށް ފުރުސަތު ލިބިފަ އިތުރު މީހަކަށް ފުރުސަތު ލިބޭނެބާ؟ ތިނަމްބަރަށް ގުޅޭނެ ދިވެހި ރައްޔިތަކު ހުންނާނެހެނެއް ހިއެއްނުވޭ!