ޑެލިވަރީ ކުރާ މީހުން އަމަލުކުރާނެ އުސޫލުތައް އާއްމުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ޔޫތު މިނިސްޓްރީ ގުޅިގެެން އާއްމު ކޮށްފައިވާ އެ އުސޫލުގައި 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކާއި އަންގި މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރުމާއި މަސައްކަތް ނިންމުމަަށްފަހު ރައްކާތެރިކަމާއެެކު މާސްކާއި އަންގި ނައްތާލުމާއި، ޑެލިވަރީ ކޮށްދޭނީ ކޮންމެ ގެއެއްގެވެސް ގްރައުންޑް ފްލޯއާ ހަމައަށް ފޯރުކޮށްދިނުމަށް އެންގުމުގެ އިތުރުން ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބެހެއްޓުން އަދި ޑެލިވަރީ ކުރުމަށްފަހު މަޑުނުކުރުމަށެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ޑެލިވަރީ ކުރުމުގައި މަސައްކަތް ކުރަންޖެހޭނީ އެކަނި ކަމަށާ ޑަބަލް ޝީޓްކޮށްގެން ޑެލިވަރީ ނުކުރެވޭނެ ކަމަށެވެ. ހަމައެހެންމެ މަސައްކަތް ކުރުމުގައި އިޖްތިމާއީ ގައިދުރުކަމަށް ކޮންމެހެންވެސް އިސްކަން ދިނުން ލާޒިމް ކަމާއި ވޮލެންޓިއަރުން ނުވަތަ ކޮންޓެކްޓްވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެއިން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުުރުމުގެ އިތުރުން، މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ހާލަތުގައިވާ އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ޑެލިވަރީ ނުކުރުމަށް ވަނީ އަންގާފައެވެ.

ހަމައެހެންމެ އަމިއްލަ ގޭގައި އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ހުރިނަމަ އަދި ރޯގާ ޖެހި ބަލިވެ އުޅޭނަމަ މަސައްކަތަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން މިހާރު ވަނީ ޑެލިވަރީއަށް ހުއްދަ ދީފައިވާ ފިހާރަތަކަށް 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދީފައެވެ. އަދި ކެފޭ، ރެސްޓޯރަންޓްތަކަށް ހެނދުނު 08:00 ފެށިގެން ރޭގަނޑު 23:00 ނިޔަލަށް ފުރުސަތު ދީފައެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވާ މީހުން ފެނުމާއި ގުޅިގެން، މާލެ ސިޓީ ފުރަބަންދު ކޮށްފައި ވާތީ އާންމުން ބޭނުންވާ މުދާތައް އެ ގެތަކަށް ޑެލިވާ ކޮށްދޭނެ ވޮލިންޓިއަރުން ހޯދަން ޔޫތު މިނިސްޓްރީން ހުޅުވާލުމާއި ގުޅިގެން، 300 ވުރެ ގިނަ ވޮލަންޓިއަރުން ވަނީ ކުރިމަތިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤަފި

    ސައިކަލްގާ ޑަބަލް ސީޓް ނުކުރުން ވަރައް ރަގަޅު ފިޔަ ވަޅެއް ކަން ފާހަގަ ކޮއްލަން.މެލޭގަ ކާއަ ކައްވެސް އެރެނީ އެމްމެ މީހަކައް ކަން ބުނެލަން.މެލޭގަ އަޅާފަވާ ހަރު ކަސި ފިޔަވަޅު ތަކުގެ ސަބަބުން އެގައުމް ގަ ޕޮޒިޓިވް ވާ މިންވަރު ވަރައް ދައް ވަމުން އަންނަނީ.

  2. ޖައި

    ތިގޮތަށް އަމަލެއް ނުކުރޭ... މިރޭ ވެސް ޑެލިވަރީ ކުރި މީހުން ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް އަދި ސޯޝިއަލް ޑިސްޓެންސިން އަކަށް ކަމޭނުހިތާ.... ވަރަށް ހިތާމަހުރި.. ޑެލިވަރީ ކުރާ ފަރާތްތަކަށް ވިސްނަވައިދީ....