ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ފުރަބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި، މާލޭގެ މަގުމަތީގައި އުޅުނު 92 މީހެއް ހައްޔަރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދުގެ މިހާތަނަށް 92 މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އަދި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މާލޭގެ މަގުތަކަށް ނިކުންނަ މީހުން ބަލާ، ފިޔަވަޅު އެޅުމުގެ ކަންކަން، މިހާރުވެސް ފުލުހުން ކުރިއަށްގެންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، މި ހާލަތަކީ މާލޭގެ މަގުތަކަށް މީހުން ނިކުތުން މަނާ ވަގުތެއް. އެކަން ކަށަވަރު ކުރުމަށްޓަކައި، ފުލުހުން ދަނީ މަސައްކަތް ކުރަމުން." މަބްރޫކް ވިދާޅުވިއެވެ.

މަގުމަތީގައި އުޅޭ މީހުން ހައްޔަރު ކުރަން ފަށާފައި މިވަނީ މަގުމަތީގައި އުޅޭ މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު، މިމަހުގެ 17 ވަނަ ދުވަހުގެރޭ 20:15 ހާއިރު ފުލުހުން ދިނުމަށް ފަހުއެވެ.

ބުދަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ބުދަ ދުވަހުގެ މެންދުރުފަހު 15:30 އިން ފެށިގެން މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށްފައި ވީނަމަވެސް ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް މާލޭގެ މަގުތަކުން ފެނެއެވެ. އަދި ފިހާރަތައް ކައިރީގައި ގިނަ ބަޔަކު ކިއު ހަދައިގެން ތިބޭ މަންޒަރުވެސް ވަނީ ފެނިފައި އެވެ.

ފުލުހުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އާއްމުން އެއްބާރުލުން ދެއްވާ ގޭގައި ތިބުމަށް އެދިވަޑައިގެންފައެވެ. މަގުމައްޗަށް ނިކުންނަ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށާއި، އަދި ދެވަނަ ފަހަރަށް މަގުމައްޗަށް ނިކުމެއްޖެނަމަ ޖިނާޢީ ދައުވާ ކުރަން ފުލުހުން ވަނީ މިހާރު ނިންމާފައެވެ.

މިހާތަނަށް މާލެ އިން 14 މީހަކު ފައްސިވެފައިވާ އިރު، އޭގެތެރެއިން އެކަކަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ރާއްޖެ އިން 18 ދިވެއްސަކަށް ބަލި ޖެހުނު އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސަކާއި މާލެ އިން ފެނުނު 13 ދިވެހިންނެވެ.

ދެން ބަލި ޖެހިފައި ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.

މިއަދު އެކަނި ވެސް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބައްޔަށް ބަޔަކު ފައްސިވި ފަހަރެވެ. އަދި ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ބަލި ޖެހޭ މިންވަރު އިތުރުވުން ވަރަށް ގާތެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމައުގެ ތެރެއިން ކަން ވަނީ ޔަގީން ކުރެވިފައެވެ.