އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ވަގުތީ ގޮތުން މަސައްކަތްކުރާނެ ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.

އޭއީއެޗްއަށް ނަރުހުން ހޯދަން އިއުލާނު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވަގުތީ ކްލިނިކަލް ނާސް ސީނިއާ ރެޖިސްޓާޑް ނާސް އަދި ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި ބޭނުންވާ ފަރާތްތަކެވެ. މިއީ 3 މަސް ދުވަހަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. އޭއީއެޗް އިން ވަނީ ދިހަ ނަރުހުން ބޭނުންވާކަން އިއުލާނުކޮށްފައެވެ.

މި މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ ނަރުހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ.

މިއަދު ހުޅުވާލާފައިވާ މި މަގާމުތަކުގެ މުސާރަ އުޅެނީ 9،060 ރުފިޔާއިން ފެށިގެން 10،940 ރުފިޔާއާއި ދެމެދުގައެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މަގާމުތަކަށް ކުރިމަތިލާ މީހުން ޝޯޓްލިސްޓްކޮށް، އިންޓަވިއު އަށް ކިޔާނީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށެވެ.

އައްޑޫ ހޮސްޕިޓަލުން ވަނީ އިއުލާނާއި ގުޅިގެން އިތުރު މައުލޫމާގު ސާފު ކުރުމަށް 6885046 އަށް ގުޅުއްވުމަށް އެދިފައެވެ. އޭއީއެޗްގައި ހިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ގައެވެ.