ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ފުރަބަންދު (ލޮކްޑައުން) ކުރުމަށްފަހު ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި ވަނިކޮށް ގެއިން ބޭރަށް ނިކުތް 39 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 39 މީހަކު މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މަގުމައްޗަށް ނިކުތުން މަނާ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެއްޖެނަމަ ފުރަތަމަ ފުލުހުން ގެންދިޔައީ ނަސޭހަތް ދެމުންނެވެ. ނަމަވެސް މީގެ ދެދުވަސް ކުރިން ފެށިގެން މަގުމަތީގައި އުޅޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށާފައި ވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވެސް ބައެއް މީހުން ވަނީ ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައެވެ.

ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއިން ބޭރުގައި އުޅޭނަމަ ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާއެއް ކަމަށާއި ދެވަނަ ފަހަރު ނަމަ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އެފަދަ މީހުންގެ މައްޗަށް އުފުލާނެ ކަމަށެވެ.

ގެއިން ބޭރަށް ނިކުތުން މަނާ ކޮށްފައި ވަނިކޮށް ގެއިން ބޭރަށް ނިކުތް 90 އަށް ވުރެ ގިނަ މީހުން އިއްޔެ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މާލެ ގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ މާލޭގައި ބަލި ކޮންޓްރޯލް ކުރެވޭނީ ކުރިއަށް އޮތް 14 ދުވަހު މާލެ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް އާއްމުން އެއްބާރުލުން ދެއްވައިގެން ކަމަށެވެ. ނޫންނަމަ މާލޭގައި ވަރަށް ބާރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ބަރާބަރު

  2. ޕޮލިސް

    ވެރިން ނަށް އިނގޭނީ ދަށު ލެވެލް މީހުން ނެރެގެން ތިކަން ކުރަން . އެއްޔެ 3 30 - ރޭގެ 11 30 ޑިޔުޓީ ކުރުވީ އެންމެ މާސްކެއް ދީގެން. ޙަވީރު ސާބޯން ދިޔަ އިރު ސައި ހުސް ވެއްޖެ. ރޭގަނޑު ކާން ދިޔަ އިރު ހީވަނީ ކުކުޅު ތައް އަރާގަނެގެން އުޅޭހެން. ނިންމާލާފަ މި އަންނަން ޖެހެނީ ޅަދަރިން ނާއި އަނބި މީހާ ކާރިޔަށް ނިދާލަން . ހެޔޮ ނުވާނެ އަހަރުމެނަށް ވެސް ރައްކާ ތެރިކަންދީ