ފްރޮންޓްލައިން ނުވަތަ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފުލުހުންނަށް ފްލޫ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ މަސައްކަތަކީ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފުލުހުންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތެއް ކަމަށެވެ. ރެއިން ފެށިގެން މިހާތަނަށް ގިނަ ބަޔަކަށް ވެކްސިން ދީފައިވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓީޖިކް ޕްލޭންގައި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމެއް މިއީ ފްރޮންޓްލައިން ފަސްޓް. އެހެންވީމަ އޭގެ ދަށުން އަޅުގަނޑުމެން މިހާރު މިރެއިން ފެށިގެން، އެބަ މަސައްކަތް ކުރަމު ޚާއްސަކޮށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް އެންމެ ފަހުގެ ފްލޫ ޝޮޓްސް، ވެކްސިން ދިނުމުގެ މަސައްކަތް،" ފައިރޫޝް ވިދާޅުވިއެވެ.

މީގެއިތުރުން ޑިއުޓީގައި އުޅޭ ފުލުހުންގެ ވެލްފެއާ އަށް މިހާރު ދިމާވެފައިވާ ހާލަތުން ފުލުހުންތަކަކަށް އަސަރު ނުކުރާނެ ގޮތް ހެދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި ފުލުހުންގެ ކެއުމުގެ ކަންކަން ހަމަޖައްސާ އިރު ކުރިއަށް އޮތް ތަނުގައި އެއް ތަނަކަށް އެެއް ނުވެ ކެވޭނެ މަގު ފަހިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާނަށް އަންނަނީ މާލެ ސަރަހައްދުގެ އަށް ގެސްޓް ހައުސްއަކުން ތަންތަން ހޯދާފައި ހަމަ ޑިއުޓީގައި އުޅޭ ފުލުހުންނަށް އެތަންތަނުގައި އުޅެވޭ ގޮތަށް. އެއީ ޑިއުޓީގައި އުޅެފަ، ގެއަށް ދިޔައީމަ އެހެންބައެއް ވެސް އެކްސްޕޯސްވުމުގެ ޗާންސެއް އޮތީމަ. ހަމަ ގެއަށް ނުގޮސް އެ ތަންތަނުގައި އުޅެވޭނެ ގޮތަށް ވަރަށް ގިނަ މީހުންނަށް މިހާރު ހަމަޖައްސައި ދެވިފައި ވާނީ،" ފައިރޫޝް ވިދާޅުވިއެވެ.

ފުލުހުން ބުނީ ފުރަބަންދުގެ ވަގުތުގައި ބޭރަށް ނުކުމެގެން 90 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ ޒަރޫރީ ބޭނުމަށް ފުލުހުންގެ ޚާއްސަ ޕޯޓަލްއަކުން ހުއްދަ ލިބިގެން ބޭރަށް ނުކުމެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދީފައެވެ. އެގޮތަށް މިހާރު ނުކުމެވެނީ ކޮންމެ ތިން ދުވަހުން އެއް ދުވަހު، ކޮންމެ ގެއަކުން އެކަކަށެވެ. އަދި އެގޮތަށް ނުކުންނަ އިރުވެސް ދެވޭނީ ވަކި ސަރަހައްދަކަށް، އެއް ގަޑި އިރުގެ ވަގުތަކަށެވެ. އެކަމަކު، އެގޮތަށް ނުކުމެވޭނީ ފުލުހުންނަށް އެންގުމަށް ފަހުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފައްތާހު

  އެންމެ ފުރަތަމަ ތި ވެކްސިން ދޭންޖެހެނީ ރާއްޖޭގެ ވައިގެ ބަނދަރު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނޫންތޯ؟ އެއްވެސް ބަޔަކު އަމިއްލަ އެދުން އިސްކޮށްގެން ނުވާނެ! އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާ ފެނިގެން މިދަނީ ވަރަށްވެސް ހިތްދަތިކޮށް ކަމަށް ދެކެން. މާދަމާ ވެސް އެއަންނަނީ ބަންގާޅުންނާއި ނޭޕާލުން މީހުން. މި މީހުންނާއި އެންމެ ގާތްކޮށް މަސައްކަތް ފުރަތަމަ މަސައްކަތް ކުރަނީ ފުލުހުން ނޫންކަން ވެސް ހަނދާންކޮށްލުން މުހިންމު.

  15
  8
 2. އެނޯ

  ފްލޫ ވެކްސިނަކީ މިބައްޔަށް އެއްވެސް އިތުބާރެއް އޮތް އެއްޗެއްކަމުގައި ވާނަމަ ފްރަންޓްލައިން އެންމެނަށް ދިނުމާއިއެކު އެންމެހާ އާއްމުންނަށްވެސް ދޭންޖެހޭ.

  14
  2
 3. އ.މ

  ހަމަ އެކަނި ފުލުހުން ނަންތޯ..ޑެލިވަރީ ބޯއީސް އާ ވޮލެންޓިއާރ ކޮށް ކަންކަމުގަ އުޅޭ ކުދިން ނަމަށް ދޭކަށް ނުޖެހޭ ތޯ

  18
  2
 4. ޣާލް

  މިދުވަސް ވަރު ކެއްސާ ހުންއައިސް ރޯގާޖެހިއްޖެ ނަމަ މިޖެހެނީ 14 ދުވަހަށް ކަރަންޓީނުވާން. ފުލުހުންވެސް އެގޮތަށް އަމަލު ކުރަން ޖެހެނީ އެކަމް ފްލޫވެކްސިން ޖެހުމުން އެހެނިހެން އަރިދަފުސް ރޯގާތަކާއި ދުރުކޮށްދޭ. ޙާއްސަކޮށް އިންފްކުއެންޒާ. ގިނަ ފުލުހުން ކަރަންޓީނަށް ދާންޖެހުން އެއީކީ މިހާރު ފަސޭހަކަމަކަށް ނުވާނެ

 5. ޝިޔާމް

  ފުލޫ ވެކްސިން އަކީ މިބައްޔައް ދޭ ވެކްސިން އެއްނޫން އެހެން ރޯގާއެއް ޖެހިއްޖެނަމަވެސް ރައްކާތެރިވުމުގެގޮޔުން އެކަހެރިކުރަންޖެހޭ ސާރވިސް މަނުން މަދުކުރަން ކުރާކަމެއް