މިވަގުތު އުޅެންވީ ކޮންމެ މީހަކީވެސް ބަލިޖެހިފައި ހުރި މީހަކަށް ވެދާނެ ކަމަށް ބަލައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ކޮންމެހެން މަސައްކަތަށް ނިކުންނަ މީހުންވެސް ބަލަންޖެހޭނީ ވީހާވެސް ބޮޑަށް ގައިދުރުވެ ތިބެވޭތޯ ކަމަށާއި އެއްވެސް ފަރާތަކުން އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ނަޒްލާ ވަނީ ތަފާތު އެކި ބޭނުންތަކަށް ކިއުގައި މަޑުކުރާއިރު ވެސް ކައިރި ކައިރީގައި ނުތިބުމަށް އިލްތިމާސްކުރައްވާފައެވެ.

"ކޮންމެހެން ނިކުންނަން ޖެހޭ ވަގުތުތަކުގައި ވެސް ވަރަށް ބައިވަރު ބޭފުޅުން އެބަ އުޅުއްވާ ވަރަށް އެސެންޝިއަލް ކަންތައްތަކުގައި، މިސާލަކަށް ފެރީގައި ދަތުރުކުރައްވާ ބޭފުޅުން ނޫނީ ހަމަ މަސައްކަތަށް ވެސް ނުކުންނަން ޖެހޭ ބޭފުޅުން. އެގޮތަށް ނިކުންނަން ޖެހޭ އިރުގައި ވެސް ގައިދުރުކަން އެއްގޮތަކަށްވެސް ހަނދާން ނައްތާ ނުލައްވާ އިނގޭތޯ. ކިއުއެއްގައި ހުންނަ އިރުވެސް އަޅުގަނޑުމެންނަށް އާދަވެފައި ހުންނަ ކަމެއް އެއީ އަވަހަށް ދާން ވެގެން ގޮސް ޖެހިގެން ހުންނަ މީހާ އާއި ޖެހިގެން ހުރުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން 13 ބިދޭސީންނަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އެއް އެކޮމޮޑޭޝަން ކުއާޓާއެއްގައި މަސައްކަތް ކުރަމުންދާ މީހުން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިއަދު މާލެއިން އެކަނި ޖުމްލަ 16 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް މުޅި ރާއްޖެއިން ވަނީ 51 މީހަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ބަލި ޖެހުނު 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ތަރާވީސް ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން ވަނީ މަޑުޖައްސާލަން އަންގާފައެވެ.