މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި އިންޑިއާ އަށް ނިސްބަތްވާ ދެ މީހުންނަކީ އެއާކަންޑިޝަން މަރާމާތު ކުރާ ދެ ޓެކްނީޝަނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސް 28އާ ގުޅުންހުރި ދެ މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީ ބްރައިޓު ބްރަދާސްގައި މަސައްކަތް ކުރާ އެއާކަންޑިޝަން ނުވަތަ އޭސީ މަރާމާތު ކުރާ ދެ ޓެކްނީޝަނުން ކަމަށެވެ.

ދާދިފަހުން ވެސް އެ ދެ މީހުން މާލޭގެ ބައެއް ގެތަކަށް އޭސީ މަރާމާތު ކުރުމަށް ގޮސްފައިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އެމީހުން މާލެއިން ދިޔަ ގެތަށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އެމީހުންނަކީ އޭސީގެ މަސައްކަތް ކުރުމަށް އެކި ގޭގެއަށް ގޮސް މަސައްކަތް ކުރާ މީހުން، ޓެކްނީޝަނުން އެމީހުންނަކީ. ކޭސް 28އާ ގުޅިގެން އެފަރާތް ދިޔަ ގޭގެވެސް އަޅުގަނޑުމެން ވާނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދާފައި އަދި ބައްދަލުވި މީހުންވެސް ކޮންޓެކްޓުންގެ ގޮތުގައި ނޯޓު ކޮށްގެން ސާމްޕަލް ނަގަންޖެހޭ މީހުންގެ ސާމްޕަލް ނަގާ ކަންތައް ކުރިޔަށްދާނެ. އެގޮތަށް ހަމަ މި ދެ މީހުންވެސް ކޭސް 28 ދިޔަ ތަންތަނުގެ އިތުރަށް އެހެން ތަނަކަށް ގޮސްފައިވާ ނަމަ އެމީހުންވެސް އަޅުގަނޑުމެން ބަލަމުން ގެންދާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް މި ދެ މީހުންގެ ގައިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ހަމައެކަނި އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ކޭސް 28 އާ ގުޅިފައި އޮތުމުގެ ސަބަބުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ފާހަގަކުރި ކޭސް 28 އަކީ ދިވެއްސެކެވެ. އޭނާ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިއަދު މާލެއިން އެކަނި ޖުމްލަ 16 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް މުޅި ރާއްޖެއިން ވަނީ 51 މީހަކަށް ކޮވިޑް-19 ބަލި ޖެހިފައެވެ. މި ބަލި ޖެހުނު 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.