ދުނިޔޭގެ ފުޓްބޯޅަ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ފޯވަޑް ލައިނެއް އޮތީ ލިވަޕޫލްގައި ކަމަށް މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް މަޖައްލާއެއް ކަމަށްވާ ދަ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރޫނީ ބުނީ ލިވަޕޫލްގެ އެޓޭކުގައި ތިބި ތިން ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ކަމަށާއި އެ ޓީމުގެ ފޯވަޑް ލައިން އެހެން ޓީމުތަކާއި އަޅާ ބަލާއިރު ތަފާތުވާ ސަބަބަކީ ކުޅުންތެރިންގެ މަސަތްކަތުގެ ރޭޓް ރަނގަޅުވުން ކަމަށެވެ.

” މިވަގުތަށް ބަލާނަމަ މުޅި ދުނިޔެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެޓޭކެއް އޮތީ ލިވަޕޫލްގައި. އެޓީމުގެ ފޯވަޑުންނަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން. އަނެއްކާ އެހާ ޓީމް ވޯކް ރަނގަޅުވެފައި ވޯކް ރޭޓް ވެސް މަތި. މިސާލަކަށް ބުނާނަމަ ސަލާހު އާއި މާނޭ އާއި ދެމީހުންގެ ޕްރެޝަރާ ހެދި އިދިކޮޅު ޑިފެންސް ލައިންތައް ފަހަތަށް ޖެހުމުގެ ސަބަބުން ފިރްމީނޯ އަށް ލިބޭ ފުދޭވަރަކަށް ޑީޕް ކޮށް ކުޅުމުގެ ފުރުސަތު. އެ ޓީމުން މިކަމުގެ ފައިދާ ވަރަށް ބޮޑަށް ނަގާ. ދެން މިވާ ގޮތަކީ ސަލާހު އާއި މާނޭ ޑިފެންސް ފަހަތުން ނަގާ ރަން ތަކަށް ފިރްމީނޯ ތަނަވަސްކޮށްދެނީ ބޯޅަތައް. އަހަރެންގެ ހަނދާނަށް އަންނަނީ ކުރިން ޓޮޓީ ރޯމާ އަށް ކުޅުނުއިރު އެޓީމުގެ ފޯވަޑް ލައިން ހަރަކާތްތެރިވި ގޮތް. ލިވަޕޫލްގައިވެސް މި އިންނަނީ އެކަހަލަ ވަރަށް ފުރިހަމަ ކޮމްބިނޭޝަނެއް، “ ރޫނީ ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާއި ޖަރުމަނުގެ ޔާގެން ކްލޮޕް ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މިދިޔަ ދެ ސީޒަނުގައިވެސް ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ ލިވަޕޫލުން ވަނީ މިދިޔަ ސީޒަނުގެ މުބާރާތް ކާމިޔާބުވެސް ކޮށްފައެވެ. މި ކާމިޔާބީތައް ހޯދައިދިނުމުގައި ލިވަޕޫލްގެ އެޓޭކިންގް ޑިޕާޓްމަންޓުގެ ހިއްސާ ވަރަށް ވެސް ބޮޑެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ދެވަނަ މަގާމުގައި ލިވަޕޫލުން ނިންމާލިއިރު އެ ކްލަބުގެ ކުޅުންތެރިން ވަނީ އިންޑިވިޖުއަލީ ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އާސެނަލްގެ ތަރި ޕިއެރޭ އެމެރިކް އޮބަމެޔާންގް އާއެކު މާނޭ އާއި ސަލާހު ވަނީ ލީގުގެ ރަން ބޫޓު ހާސިލްކޮށްފައެވެ. މިދިޔަ ސީޒަނެކޭ އެއްފަދައިން މިސީޒަނުގައިވެސް މާނޭ އަދި ސަލާހު އަންނަނީ ތަފާތު ދައްކަމުންނެވެ. ހުރިހާ މުބާރާތަކުން ސަލާހު މިހާތަނަށް 20 ގޯލް ޖަހާފައިވާއިރު މާނޭ ވަނީ 18 ގޯލް ޖަހައިފައެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ފޯވަޑް ރޮބާޓޯ ފިރްމީނޯގެ އެހީއާއެކު ލިވަޕޫލުން ވަނީ ބޮޑު ލީޑަކާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފަހަތައް ޖައްސާލައި މި ސީޒަނުގެ ލީގް ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފައެވެ. އިތުރަށް ހަ ޕޮއިންޓް ހޯދައިގެން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތް ނަމަވެސް ދުނިޔެއަށް ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހެދި ތަށި އުފުލާލުމަށް ލިވަޕޫލުން ކުރަމުން އަންނަ އިންތިޒާރުތައް މިވަނީ ދިގުލައި ގޮސްފައެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ މިވަގުތަށް މެދުކަނޑާލާފައިވާއިރު އެންމެ އަވަހަށްވެސް ލީގުތައް އަލުން ފެށޭވަރު ވާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ޔުއެފާ އިން ވަނީ ބުނެފައެވެ.