ކޮވިޑް-19 އަށް ފައްސިވި މީހުންނާއި، ޓެސްޓު ކުރާ މީހުންގެ ފޮޓޯ އާއްމު ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށަހަޅަމުންގެންދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ، ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ، މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެއްކި ވާހައެއް، ގިނަ ބަޔަކަށް އޮޅޭގޮތަށް، މީސް މީޑިޔާގައި ދައުރުކޮށްފައިވާ ކަމަށާއި، އެކަން އެގޮތަށް ކުރުމަކީ، ބަލި މީހާއާއި، އަދި އެ މީހާގެ އާއިލާއަށްވެސް ނުތަނަވަސްކަން ގެނުވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު މިއަދު މެންދުރު ދަންނަވާލިން، 21 ވަނަ ކޭސް ހިމެނޭ ކްލާސްޓަރ އާއި ގުޅުންހުރި ފަރާތަކުން މަޢުލޫމާތު ނުލިބޭ ވާހަކަ. އަޅުގަނޑު މިތަނުން ދެތުވެގެން ގޮސް ގޮނޑީގަ އިށިއިންނަން ވާއިރަށް، ހެޑްލައިންގަ އޮތީ، 21 ވަނަ ކޭސް އެއްބާރުލުން ނުދޭ ވާހަކަ، ނުވަތަ 27 ވަނަ ކޭސް އެއްބާރުލުން ނުދޭ ވާހަކަ. އަސްލު އަޅުގަނޑު ދެންނެވީ، 21 ވަނަ ކްލަސްޓާރ އާއި ގުޅުންހުރި ފަރާތެއްގެ ވާހަކަ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ، އެ ކްލަސްޓަރ އަކުން އެންމެ ފުރަތަމަ ފެންނަ މީހަކީ، އެ ކްލަސްޓަރގެ ފެށުމަށް ވާން ކޮންމެހެން މަޖުބޫރު ނޫން ކަމަށާއި، އެހެންކަމުން، އެއީ ބަލި ފުރަތަމަ ގެނައި މީހާގެ މޭރުމުން ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ޕޮޒިޓިވް ވެފަ ތިބޭ ފަރާތްތައް މިވަގުތު ތިބޭނީ، ވަރަށް ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގަ. އެފަރާތްތަކުގެ އާއިލާވެސް ތިބޭނީ ކަންބޮޑުވުމެއްގެ ތެރޭގަ. އެހެންވީމަ ރަނގަޅު މަޢުލޫމާތު ހާމަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެއްގޮތަކަށްވެސް ހީވާ ހީވުމަކަށް އެއްޗެއް ނުލިޔުއްވުން. އެއްވެސް ކްލަސްޓާރ އަކުން އެންމެ ފުރަތަމަ ފެންނަ ކޭސް އަކީ، ކޮންމެހެން މަޖުބޫރެއް ނޫން އެއީ އެ ކްލަސްޓަރގެ ފެށުން ކަމަށް ވާކަށް. ނޫނީ އެންމެ ފުރަތަމަ ޖެހުނީ އޭނައަށް ވާކަން. އެއީ ހަމައެކަނި އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދެނެގަނެވޭ ކޭސް." ޑރ ނަޒްލާ ވިދާޅުވިއެވެ.

ހަމައެހެންމެ ނަޒްލާ ވިދާޅުވީ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގެ ދަށުން، އެފަދަ މަޢުލޫމާތު ހާމަކުރުމުގެ ބާރު ލިއްބައިދީފައިވަނީ، ހަމައެކަނި، ޕަބްލިކް ހެލްތްގެ ޑިރެކްޓަރ ޖެނެރަލަށް ކަމަށާއި، އެނޫން ފަރާތަކުން އެކަން ކުރާނަމަ، އެކަމާއި ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގާނެ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންނަށް އެބަފެނޭ ކޭސްތަކުގެ ފޮޓޯ، ނޫނީ ކޭސްކަމަށް ހީވާ މީހާގެ ފޮޓޯ އާއްމުކުރާތަން. އެބަހުރި ބަލި ނުޖެހޭ މީހެއްގެ ފޮޓޯވެސް މިގޮތަށް އާއްމުކޮށްފަ. ބަލިޖެހޭ މީހުންގެވެސް ފޮޓޯ އާއްމު ކުރުމަކީ، އަދި އެހެނިހެން ޒާތީ މަޢުލޫމާތު ހާމަ ކުރުމަކީ، ރަނގަޅު ނޫން ކަމެއް ކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވައިފިން. އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޤަވާއިދެއް ހަދައިގެން އޭގެ ދަށުން އަޅުގަނޑުމެންނަށްވެސް ބަލި މީހާގެ މަޢުލޫމާތު ހާމަކުރެވޭނީ. އެގޮތަށް ހާމަކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޕަބްލިކް ހެލްތްގެ ޑިރެކްޓަރ ޖެނެރަލަށް. އެހެން މީހުން އެކަން ކޮށްފިއްޔާ އެމީހަކު އެ ކުރަނީ ކުށެއް. އަޅުގަނޑުމެންނަށް އެކަން ފެންނަ ކަމަށްވަންޏާމު އަޅުގަނޑުމެން އެކަން ޕޮލިހަށް އަންގަމުން ދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމައުގެ ތެރެއިން ކަން ވަނީ ޔަގީން ކުރެވިފައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. ބޭރަށް ނުކުންނަ މީހުންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ މީހާ

    ދައުލަތުގެ ބޮޑެތި ބޭފުޅުންނާއި ގުޅުންހުރި މީހުން ފަޅާއަރާފާނެތީ ހާދަ ގަދަ ބައެކޭ މިއީވާ ވަރުގަދަ ބައެއް ! ކޮބާތަ މައްސަލައަކީ އަތްނުފޯރާ ފަށަށް ކަންތައް ދާއިރުވެސް ކަންކަން ސިއްރުކުރަން މީހުންނަށް ބިރުދެއްކުން ދޯ ؟ އޯކޭ އެކަކުވެސް ފައްސިނުވޭ! އަދި ރާއްޖޭގައި ކޮވިޑް ކިޔާ ބައްޔެއް ނުވެސް ފެތުރޭ ދެން ސަޅި ދޯ؟ އަހަރުމެން ތިބޭނަން ވާގޮތް ބަލަން މީދާކެއި އުނބު ވިއްޔާ ބޮލެކޭ ކިޔާފަ ކޮންމެ މީހަކު ހުންނަނީ !

    31
    7
    • ޏަމްޏަމް

      މިވެސް އައްޑޫ މީހެއް. ތި ރަށަށް ވެސް ނުދެވުނު މިކަންކަންކަ މާ ތި ރަށަށް ނުވެސް ދެވުނު.

  2. ހާރޫނު

    ބަލަ ނަން އާންމު ކުރީމާ ދޯ ކާކުކަން އެނގި ރައްކާތެރި ވެވޭނީ ވެސް. ފުރާނާ ސަލާމަތް ކުރަން ޖެހެޔޭ. ނަމާއި ފޮޓޯ ފެނުނީމަ އެނގޭނީވެސް އެމީހަކާ ބައްދަލުވެފަ ހުރިއްޔާ.
    މީގަ ހާމަ ކުރުން ހަމަ ރަނގަޅީ. ދުނިޔޭގެ ގައުމުތަކުގެ ބޮޑެތި މީހުންގެ ނަންވެސް އެހެރަ އާންމު ކުރަނީ.