ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ހދ.ނޮޅިވަރަމަށް ދަތުރު ކޮށްފައި ވާތީ އެރަށަށް މީހުން އަރައި ފޭބުން މަނާކޮށް ރަށް ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނޮޅިވަރަމް ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ އެރަށް ކަރަންޓީން ކޮށްފައި އެރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން، ކޮވީޑު 19 އަށް ޝައްކުކުރެވެ ޢަލާމަތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކުރާކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ރަށުގެ ހާލަތު ބެލުމަށް ވެސް ކައުންސިލަށް އެންގި އެންގުމުގައި ވެއެވެ.

ކަރަންޓީނުކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ވެސް އެޗްޕީއޭ އިން އެދިފައި ވެއެވެ.

މާލެ އިން ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ހާލަތު ވަނީ ބިރުވެރިވެފައެވެ. އަދި މާލެ އިން އުލިގަމަށް ދަތުރު ކުރި މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުން ހއ.އަތޮޅާއި ހދ.އަތޮޅުގެ އެހެން ބައެއް ރަށްރަށް ވެސް ވަނީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް ނޮޅިވަރަމާއި އުލިގަމް ކޭސް އާއި ގުޅުމެއް އޮތްކަން އަދި އެޗްޕީއޭ އިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށުމީހާ

    ތިޔަބުނާ ޒިން މާ ނޮޅިވަރަ މު ކައުންސިލަށް އަދާކުރެވޭނެ ކަ މާމ މެދު ވަރަށް ޝައްކު. އެއީ މިހާރުވެސް އެޗް.ޕީ.އޭ. އަދި ސަރުކާރުގެ އެންގުންތަކަށް ބޯލަނބާ ބަޔަކު އުޅޭ ތަނެއް ނޫން. ހިތަށްއެރި ގޮތަކަށް ނިން މުންތައް ނިން މާ ބޭއިންސާފު ބަޔަކު އުޅޭ ކައުންސިލެއް.