މަޖިލީހުގެ ޖަލްސާ އެއް މިއަދު މެންދުރު ފަހަށް ތާވަލްކޮށްފިއެވެ. މިއަދު ބާއްވަން ނިންމާފައިވާ ޖަލްސާ މެންދުރުފަހު 13:00 ގައި ފަށަން ވަނީ ނިންމާފައެވެ.

މިއަދު މެންދުރު ފަހު މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވާއިރު ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ އިދާރާއިން ވަނީ އާންމުކޮށްފައެވެ.

އާންމު ގަވާޢިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ބޮޑު ކުރުމުގެ މައްސަލަ ވެސް އެޖެންޑާކޮށްފައިވެއެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަނީ، މަޖިލިސް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

މި އަހަރުގެ ޖަލްސާތައް ފެށުނު ފަހުން، މިހާތަނަށް ބޭއްވީ އެންމެ 12 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ ތެރޭގައި ބޭއްވި 10 ޖަލްސާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެއްބްރުއަރީ ފެށުނު ފަހުން، މަޖިލީހުން މާގިނަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

ފުރަތަމަ ދައުރުގެ ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާއިރު ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާތަކުގައި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި އެންޓި ޑިފެކްޝަން ބިލް ފާސްކޮށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރި އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާ އިރު މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމުގެ ބިލާއި ހެއްކާ ބެހޭ ބިލުގެ މަސައްކަތް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ބިލުތައް ދިރާސާ ކުރާކަށް އަދި ނުފަށަ އެވެ.