ގޮތް ނޭނގޭ ގޮތަށް މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ ނަމަ މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19ގެ މައުލޫމާތު ދޭން ކަނޑައެޅި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި މަގުމައްޗަށް ވެއްޓިފައިވާ އޮއްވާ ރޭ ފެނުނު މީހާ އާއި ކޮވިޑް-19 އާއި ގުޅުން ހުރި ކަމަށް މިހާތަނަށް އެނގެން ނެތް ކަމަށެވެ. އެހެންނަމަވެސް މި ހާލަތުގައި ނިޔާވެފައިވާ މީހަކު އެގޮތަށް ފެނިއްޖެ ނަމަ އެ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

" މީހަކު ނިޔާވެފަ އޮއްވާ ފެނިއްޖެ ނަމަ ކޮންމެ މީހެއްގެ ވެސް ސާމްޕަލް ނަގާނެ. މަރުވި މީހާގެ މަރު އެސްޓަބްލިޝް ކުރެވިއްޖެ. އަދި ނޮޓް ރިލޭޓެޑް ޓު ކޮވިޑް-19. އެކަމަކު ޓެސްޓް ކުރަމުން ދަނީ. އެ ޓެސްޓް ލިބުނީމަ ޔަގީންވާނެ." އޭނާ ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވާ ފެނުނު މީހާ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ފުލުހުން ރޭ ވިދާޅުވީ އެ މީހާ ފެނުނީ ރޭގެ 20:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުން ފުލުހުން ދަނިކޮށް އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅޭ ހިސާބުން ބިދޭސީއަކު ވެއްޓިފައި އޮއްވާ ކަމަށެވެ. އަދި މަގުމައްޗަށް ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާ އޭނާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަން ޔަޤީންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޢިންސާނިއްޔަތައްޓަކާވެސް ހާލުގައުޅޭ ބިދޭސީންއަށްވެސް ކާންދޭންވާނެ ކުއްތާޔަކަށް ފެންދިންމީހަކުވެސް ﷲ ސުވަރުގެ ވެއްދެވި ރަހްމުކުރާ މީހުންނަށް ﷲ ރަހުމަތް ބާވާލައްވާނެ މިދުވަސްވަރު ދިވެހިން ވިސްނާލާތި ކާފަރަކަށްވިޔަސް މުސްލިމަކަށްވިޔަސް ﷲއަށްޓަކާ އެހީވެދީ ކިބުރުވެރިވެ ފަޚްރުވެރިވާ މީހުންދެކެﷲ ލޯބިވެ ވޮޑިއެއް ނުގަންނަވާނެ