މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައިވާ ހއ. އުލިގަމު ފަޅުވެ ރައްޔިތުން މާޔޫސްވެ ހާސްކަމެއްގެ ތެރެއަށް ހިނގައްޖެއެވެ.

އުލިގަމަކީ ބޭރުގެ ގިނަ ޔޮޓު ފަހަރަ އެންމެ ގިނައިން ބަނދަރު ކުރަމުން އަންނަ އެއް ރަށެވެ. އެހެން ނަމަވެސް ދާދިފަހުން މާލޭގައި އުޅެފައި އެރަށަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި (ޕޮޒިޓިވް) ގުޅިގެން މުޅި ރަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު ވިދާޅުވީ، ރަށުގެ އާންމު ހާލަތު މިވަގުތު ރަނގަޅުވި ނަމަވެސް، މިހާރު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ރަށުގައި އެކުލަވާލައިފައިވާ ކޮވިޑް-19 ޓާސްކް ފޯހާއި ގުޅިގެން ހަލުވި ކަމާއި އެކީ ކުރަމުން އަންނަ ކަމަށާއި އުއްމީދަކީ ވީއެންމެ އަވަހަށް އެކަމުން ސަލާމަތްވުން ކަމަށެވެ.

"ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ހާސްކަން މަތީ. ގިނަ ރައްޔިތުން ޝަކުވާ ކުރަނީ ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމާއި ކުނި އުކާލުމުގައި ދިމާވާ ދަތިތަކާއި ހުރެ" މުއާޒު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު އެރަށުން ފެނުމާއި ގުޅިގެން ރަށް މިހާރު ކަރަންޓީން ކޮށްފައި އޮތުމުން އެރަށު ގިނަ ރައްޔިތުން އަންނަނީ އެކަން ކަމަށް ޝަކުވާ ކުރަމުންނެވެ.

މުއާޒު ވިދާޅުވީ، މުދާ އުފުލާ ބޯޓަކުން އެރަށަށް ދިޔަ މީހަކު ފައްސިވުމުން އެންމެބޮޑު ގޮންޖެހުމަކަށް ވެފައިއޮތީ މުދާ ލިބުން ދަތިވެދާނެ ކަމުގެ ބިރު ކަމަށާއި، ބޯޓުން މުދާ ނުބޭލިއްޖެނަމަ ބައެއް ފިހާރަތަކުން މުދާ ހުސްވެގެން ހިނގައިދާނެ ކަމަށެވެ.

އާބާދީގައި 536 މީހުން ދިރިއުޅުމުން އަންނަ އުލިގަމުގައި ހުންނަނީ ވިޔަފާރި ކުރާ އެންމެ 4 ފިހާރައެވެ. މުއާޒު ވިދާޅުވީ، މިހާރު އޮތް ގޮންޖެހުމަކީ ސޯޝަލް ސަޕޯޓް ޑެސްކުގައި މަސައްކަތް ކުރާނެ މީހުން މަދުވުމެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 67 މީހަކު ފައްސިވެފައިވާއިރު، އުލިގަމުން މި ބަލި ޖެހުނު މީހާއާއި ކޮންޓެކްޓް ވެފައިވާ މީހުން ހޯދިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން އެމީހާއާ 131 މީހަކު ކޮންޓެކްޓުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ޔާ ﷲ އަޅަމެން މިނުރައްކާ ބަލިން ސަލާމަތްކުރައްވާދޭވެ އަޅަމެންނަށް ފުރިހަމަ ސިއްހަތެއްގައި ރައްކާތެރި ދުވަސްތަކެއް މިންވަރު ކުރައްވާށި އާމީން

    51
  2. އިސްލާމީދިރިއުޅުން

    އަދިވެސް ޔަހޫދީން ރަށައް އަރުވާ ދެންވެސް ﷲ އައްބިރުވެތިވެ ލާދީނީ މީހުން ރަށައް އެރިޔަނުދީ ކުޑަކުދިން ކުރި މަތީ ބިކިނީ ލައިގެން އުޅު މަކީ ޑޮލަރު ލިބުނަސް ކުރަންވާވަރު ކަ މެއްނޫން

    17
    2
  3. ޅޮލް

    ޢުލިގަމުގެ ސުކޫލު ހުޅުވަން ސައްލެ ގޮވާލިތާ ކިތައް ދުވަސް