ކޮވިޑް-19 އާއި ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފުރަބަންދު (ލޮކްޑައުން) ކުރިފަހުން މިހާތަނަށް 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ވިދާޅުވީ މިހާތަނަށް 95 މީހަކު ފުލުހުންގެ އެންގުންތަކާއި ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ.

މަގުމައްޗަށް ނިކުތުން މަނާ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެއްޖެނަމަ ފުރަތަމަ ފުލުހުން ގެންދިޔައީ ނަސޭހަތް ދެމުންނެވެ. ނަމަވެސް ހުކުރު ދުވަހުން ފެށިގެން މަގުމަތީގައި އުޅޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށާފައި ވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވެސް ބައެއް މީހުން ވަނީ ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައެވެ.

ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއިން ބޭރުގައި އުޅޭނަމަ ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާއެއް ކަމަށާއި ދެވަނަ ފަހަރު ނަމަ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އެފަދަ މީހުންގެ މައްޗަށް އުފުލާނެ ކަމަށެވެ.

މާލެ ގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ މާލޭގައި ބަލި ކޮންޓްރޯލް ކުރެވޭނީ ކުރިއަށް އޮތް 14 ދުވަހު މާލެ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް އާއްމުން އެއްބާރުލުން ދެއްވައިގެން ކަމަށެވެ. ނޫންނަމަ މާލޭގައި ވަރަށް ބާރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މާލެ އިން މިހާތަނަށް 47 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔެސްސަރ

    މަނީމަނީ