ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، ރައްކާތެރި ކަމުގެ ގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ހއ. މުރައިދޫ އިން އެ އަތޮޅު ބާރަށަށް ދަތުރުކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތުން އަންގާފައިވާ އެންގުމާއި ޚިލާފުވެ ބާރަށަށް ދަތުރުކޮށްފައިވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖެ ފުރަބަންދުކުރުމަށް ނިންމި ނިންމުން އިއުލާނުކޮށް، އެޗްޕީއޭއިން މިދިޔަ ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދު ކުރަން ނިންމާފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކައުތެރިކަމަށްޓަކައި ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ.


މި އެންގުމުގެ ދަށުން، 17 އޭޕްރިލް 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފަށައިގެން ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދުކުރުމަށް ނިންމައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.

2. މި އެންގުމުގެ އެއްވަނަ ނަމްބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.

3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓައިލުން. ވަކިން ޚާއްސަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލުން.

4. ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.

5. ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުން.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔަލަ

    އެއީ ބާރަށު މީހެއްތަ ނޫނީ މުރައިދޫ މީހެއްތަ

  2. ދަރަނި ދަންތުރަ

    މުރައިދޫ ބޭފުޅެއް ކަމަށްވަނީ ކަރުހިއްކައި ގަތީމައި އެކަމުގެ ހައްލެއް ބާރަށުން ލިބޭތޯ ދިޔައީ