މާލެ ފުރަބަންދުކޮށްފައި އޮތް ހާލަތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރާ އިރު، އަމަލު ކުރަން ޖެހޭ ގޮތުގެ އާ އިރުޝާދުތަކެއް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ރޭ ދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ޑެލިވަރީ ކުރާ އިރު، އެކަކު އަނެކަކާ ސޯޝަލް ޑިސްޓެންސް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކަކު އަނެކަކާ ދުރުގައި ދުރުމިން ބެހެއްޓުމަށް އަބަދުވެސް ވިސްނަން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިސާލަކަށް ބޭރުން މީހެއް، ޑެލިވަރީ ކުރާ ނަމަ، އެއްގޮތަކީ ދޮރު ކައިރީގައި ހުޅުވާލާ އިރަށް މޭޒެއް ނޫނީ ގޮނޑިއެއް ބެހެއްޓިދާނެ، ގެންނަ އެއްޗެހި ކޮތަޅުގައި ބަހައްޓާލަން. ދެން ބޮޑަށް ރަނގަޅީ އޮންލައިން ޓްރާންސެކްޝަން ހެދިއްޔާ،" ނަޒްލާ ވިދާޅުވިއެވެ.

އޮންލައިން ޓްރާންސެކްޝަން ހެދެން ނެތް ނަމަ، ޑެލިވަރީ ކުރާ މީހާގެ އަތަށް ފައިސާ ދިނުމުގެ ބަދަލުގައި ގޮނޑި ނޫނީ މޭޒު މަތީގައި އެ ފައިސާ ބެހެއްޓިދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭރުން ޑެލިވަރީ ކުރާ މީހާ ވެސް ބާކީވާ ފައިސާ އެ ގޮނޑީގައި ނޫނީ މޭޒުގައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ގެންނަ އިރު، މިސާލަކަށް ކޮތަޅުން ނަގާފައި ކޮތަޅު އެއްލާލުން، ތަރުކާރީ، މޭވާ ވެއްޖެ ނަމަ ރަނގަޅަށް ދޮވެލުން. އެހެން ބޭރު ދޮވެލެވޭ ނަމަ އަނެއް ކަހަލަ ޕެކެޓު ބޭރު ސައިބޯންޏާއި ފެނުން ދޮވެލެވިދާނެ. މި ވައިރަސްއަކީ ހޫނުން ދުއްވާލާ އެއްޗެއް. އެހެންވީމަ ރަނގަޅަށް ކައްކާފައި ހުންނަ އެއްޗެހިން ވައިރަސް އެއްކޮށް ފިލާނެ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކަޓިން ބޯޑު ފަދަ އެއްޗެހި ރަނގަޅަށް ސައިބޯންޏާއި ފެނުން ދޮވެލުން މުހިންމު ކަމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، މިހާތަނަށް ފައްސިވި ގިނަ މީހުންނަކީ ގޭތެރޭގައި ބަންދު ކޮޓަރިއެއް ކަހަލަ ތަންތަނުގައި އުޅޭ މީހުންނެވެ. އެހެންވެ، އޭސީ ޖައްސައި އަބަދު ކޮޓަރީގެ ދޮރު ލައްޕާފައި ބެހެއްޓުމުގެ ބަދަލުގައި، ކިޔައިދެއްވީ ގޭގައި ކަރަންޓީންވެގެން ހުންނަ އިރު ވެސް އަމަލު ކުރާނެ ގޮތްތަކެކެވެ. ނަޒްލާ ވިދާޅުވީ ކޮޓަރީގެ ކުޑަ ދޮރު ހުޅުވައި ރަނގަޅަށް ވައިދައުރުވާ ގޮތަށް ބެހެއްޓުމަކީ ތަނުގެ ތެރޭގައި ވައިރަސް ހުންނަ މިންވަރު މަދުވެ ރައްކާތެރިކަން އިތުރުވާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން ކާރަކަށް އަރާ އިރު، ކާރުގެ ދޮރު ހުޅުވާލާފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ކާރުގެ ދޮރު ރަނގަޅަށް ހުޅުވާލާފައި ރަނގަޅަށް ވެންޓިލޭޝަން ރަނގަޅިއްޔާ ވައިރަސްގެ އަދަދު މަދުކޮށްލެވޭނެ. އެހެންވީމަ އިންފެކްޓްވުމުގެ ފުރުސަތު ކުޑަކޮށްލާނެ. އެހެންވީމަ އެއީ ކުރެވޭނެ އެއް ކަމެއް. ރަނގަޅަށް ވެންޓިލޭޝަން ރަނގަޅު ކުރުން،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވަނީ ތަކުރާރުކޮށް ވިދާޅުވީ މި ބަލީގެ އެންމެ މުހިއްމު ފަރުވާއަކީ ގޭގައި މަޑުކޮށް، ސައިބޯނިލައިގެން ގިނަ އިން އަތްދޮވުން ކަމަށެވެ. އަދި އަތް ނުދޮވެ، މޫނުގައި އަތް ނުލުމަށް ނަޒްލާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އާންމުކޮށް ވައިރަސް އަރަނީ މިސާލަކަށް ނޭފަތުން، ނޫނީ އަނގައިން ނޫނީ ލޮލަށް އެ ދާ އެއްޗަކުން އަރާފާނެ. ނޫނީ އަނެއް މީހާ ދިމާލަށް ކެއްސާ އިރު، އަންނަ ކުޅުގެ ޒަރިއްޔާ އިން ވައިރަސް އަރާފާނެ. މި ދުވަސްކޮޅު ވަރަށް މުހިންމު ފިޒިކަލް ޑިސްޓެންސިންއާ އެކީގައި މޫނުމަތީގައި އަތް ނުލުން، އަތް ނުދޮވެ،" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 69 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މި ބަލިން ޝިފާ ލިބިފައިވަނީ 16 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑރ ކުމާރު

    ނަޒްލާއެވެ. ތިޔަ އިރުޝާދު ގަބޫލުކުރަމެވެ. އެކަމު ތިޔަ ބަހައްޓާނެ ގޮނޑި މޭޒު ބަހައްޓާނީ ކޮންތާކުތޯ؟ ކައްކަނީވެސް ކަނީވެސް އެއްޗެހި ދޮންނަނީވެސް ނިދަނީވެސް ދަރިން ނިދަނީވެސް ހަމަ އެންމެ ކޮޓަރިއެއްގައި. އެތަނުގައި މޭޒެއްގެ މަތީގައި ބެހެއްޓުމެކޭ ނިދާ އެނދުމަތީގައި ބެހެއްޓުމެކޭ ހުރި ތަފާތެއް ނުވިސްނުނު.

  2. ޢިއްބެ

    ޜައްކާތެރިކަމުގެ ފިޔަވަޅު އަޅަން މާލަސްވެއްޖެ!އެންމެންމިތިބީ ބަލިހުރިކަމުގެ ބިރުގައި!ބަލިޖެހުމުގެ ކުރިން ރައްކާތެރި ވާން ޖެހޭނީ!ބަލީގެ ޖަރާސީމު ހަށިގަޑަށްވައްދާފައި ދެން ކިހިނެއްބާ ރައްކާތެރިވާނީ! މީގެ ތިން ހަފްތާ ކުރިން މިގައުމުދެކެ ލޯބިވާމީހުންގޮވި ފިޔަވަޅުތަކެއް އެޅުމަށް! ވީ ފަހަތު ފަޔަށްބަރު! ހަދަން ޖެހުނީ ވަކި މީހަކު ބުނާގޮތެއް!