ރާއްޖެ އިން މިހާތަނަށް 82 މީހެއްގެ ގައިން ކޮވިޑް-19 ފެނިއްޖެއެވެ. މާލެ އިން އެކަނި ވެސް ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް 62 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. މާލެ އިން ބަލި ޖެހުނު މީހުންނާއި ހއ. އުލިގަމުން ފެނުނު މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 900 އަށް ވުރެ ގިނަ މީހުން ވަނީ ހޯދައިފައެވެ. އެމީހުން އެކަހެރިކޮށްފައިވާ އިރު، މީގެތެރޭގައި ހައި ރިސްކް ކޮންޓެކްޓުން ހިމެނެއެވެ. ސުވާލަކީ ހައި ރިސްކް ކޮންޓެކްޓުންނަކީ ކޮބައިތޯއެވެ.

މާލެ ތެރޭގައި ވަރަށް ބޮޑަށް ބަލި ވަނީ ފެތުރެން ފަށައިފައެވެ. މާލެ އަށް ބަލި އައިސްފި ނަމަ، ވަރަށް ގިނަ ކޭސްތައް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. މާލެ ފުރަބަންދުކޮށްފައި އޮތުމުން، ކޭސްތައް ފެންނަ ވަރު މަދުވި ނަމަވެސް، މުސްތަގުބަލުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ، އަދި އާންމުން ދޭން ޖެހޭ އެއްބާރުލުން ނުދޭ ނަމަ، އަދަދުތައް ވަރަށް މައްޗަށް ގޮސްދާނެ ކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މީގެކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި ދިރާސާ އިން ސާފުވާ ގޮތުގައި މި ބަލި ވަރަށް ގިނަ މީހުންނަށް ޖެހި ބައެއް މީހުން މަރުވެގެން ހިނގައިދާނެއެވެ. އެހެންވެ، ދިވެހިން މި ބައްޔާ ދޭތެރޭގައި ކުރިއަށް ވުރެ، ބޮޑު ސަމާލުކަމެއް މިވަނީ ދޭން ޖެހިފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ހާލު ބޮޑުވެގެން އިތުރު ފަރުވާ ދޭން ޖެހޭ ހިސާބަށް ގޮސްފައި ނުވާ ކަމަށެވެ. އެކަމަކު، ނަންބަރުތައް ގިނަވާ ނަމަ، ބިރު ބޮޑުވެ، ބައެއް މީހުންނަށް އެޑްމިޓްކޮށްގެން ހާއްސަ ފަރުވާ ދޭން ޖެހިދާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ. އަދި މިހާރު ދިމާވާ މައްސަލައަކީ ކޮންޓެކްޓުން ގިނަ ކަމުން ކަމަށް ލަތީފް ވިދާޅުވިއެވެ.

"ކޮންޓެކްޓްސް ގިނަވީމަ، އަޅުގަނޑުމެން، އެމީހުންގެ ޓެސްޓް ހަދައި ވަކި ތަންތަނަށް ގެންދިއުމުގެ ދަތިތައް އެބައާދޭ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި ހައި ރިސްކް ކޮންޓެކްޓުންނަކީ ގެއެއްގައި ނުވަތަ އެއް ކޮޓަރިއެއްގައި ނުވަތަ އެއް ތަނެއްގައި ވަރަށް ކައިރީގައި މަސައްކަތް ކުރާ މީހުންނެވެ. އެގޮތުން މިހާރު ފެނިފައި ހުރި ކޭސްތަކުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ފިހާރަތަކުންނާއި އޮފީސްތަކުން ކޮންޓެކްޓުންގެ ގޮތުގައި ފެނިފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އެހެންވީމަ، މިއީ ހައި ރިސްކް ކޮންޓެކްސް. އެމީހުން ނަގާފައި އެހެން ތަނަކަށް ލާން އެބަޖެހޭ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކޮންޓެކްޓުންގެ ނަންބަރުތައް ގިނަ ކަމުން، އެކަހެރި ކުރުމުގައި ލަސްތަކެއް ދިމާވަމުންދާ ކަމަށެވެ. ބައެއް ފަހަރު ކޮންޓެކްޓުން ބަލާ ދާއިރުގައި ގޭތެރޭގައި ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

"މީގައި މުހިންމު ކަމަކީ ކަރަންޓީން ކުރުން. ކަރަންޓީން ކުރާ އިރު، މުހިންމު ކަމަކީ ހޯމް ކަރަންޓީން ނުވަތަ ފެސިލިޓީއެއްގައި ކަރަންޓީން ކުރުން. އެހެންވެ، ހައި ރިސްކް ކޮންޓެކްޓުން ނަގައިގެން މި ގެންދަނީ ކޮންމެވެސް ރިސޯޓަކަށް. މިހާރު މިގެންދަނީ މުޅިން ރިސޯޓަށް. އެކަމަކު، މުސްތަގުބަލުގައި ކޮންޓެކްޓުން ވަރަށް ގިނަ ނަމަ، ފަހަރެއްގައި ގޭގައި ބައިތިއްބަން ޖެހިދާނެ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި ކޮންޓެކްޓުން ބޭރަށް ނުނިކުމެ، ކޮޓަރީގައި މަޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ކޮޓަރީގައި މަޑު ކުރުމަކީ ކަރަންޓީން ކުރެވުން. އެހެންވީމަ، ކަރަންޓީން ކުރެވިގެން ކޮޓަރީގައި ހުންނަ އިރު އެ ބަލި އެ ޕޭޝަންޓެއްގެ ފަރާތުން އެހެން މީހަކަށް ނުޖެހޭނެ. މިއީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ 24 ގަޑިއިރު ވިޔަސް، 48 ގަޑިއިރު ވިޔަސް، ކޮޓަރި ތެރޭގައި ހުންނަން ޖެހޭނެ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ ކެއްސާއި ހުން އައުން ފަދަ ބަލީގެ އަލާމާތްތަކެއް ފެންނަން ހުރި ނަމަ، 1676 އަށް ގުޅުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު