އިދިކޮޅު އެމްޑީޕީއަށް ފައިސާ ދޫކުރަން މި ހަފްތާގައި ފިނޭސް މިނިސްޓްރީއަށް ފޮނުވަން އިލެކްޝަން ކޮމޮޝަނުން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮންމެ އަހަރަކުވެސް ހުށައަޅަން ޖެހޭ އަހަރީ އޮޑިޓް ރިޕޯޓް އެމްޑީޕީން ހުށައަޅާފައިވާތީ ދައުލަތުންދޭ މާލީ ފައިސާގެ އެހީ އެމްޑީޕީއަށް ދޫކުރަން މި ހަފްތާގައި ފިނޭސް މިނިސްޓްރީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

" އެމްޑީޕީގެ އަހަރީ ރިޕޯޓް މިހާރުވަނީ ލިބިފައި. އެމްޑީޕީއަށް ފައިސާ ދޫކުރަން މި ހަފްތާގައި ފިނޭސް މިނިސްޓްރީއަށް ފޮނުވަން މިހާރު މިދަނީ ތައްޔާރު ވަމުން" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ކުރިން ވެސް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ތަފާތު ތަކެއް ނުގެންގުޅޭ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫގައި އޮންނާނެ އެޕާޓީ ތަކަށް ފައިސާ ދޫކުރުމުގައި ބަލާނެ ކަންތަށްތަކެއް, 90 ދުވަސް ތެރޭގައި އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށައަޅަން ޖެހޭކަމަށް އެބައޮވޭ, ދެ ރިޕޯޓް ހުށައެޅީމަ ނޫނީ ފައިސާ ދޫނުކުރެވޭނެ ވާހަކަ އެބައޮތް ގާނޫނުގައި" އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.

އަކްރަމް ވިދާޅުވީ، ގާނޫނުގައި ބުނާ މުއްދަތުކަމުގައިވާ މެއި އަށެއްގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށް ނިންމާލެވޭނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ކުރިން ނިންމާފައި ވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ. މި ތިން ޕާޓީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމީ މި ތިން ޕާޓީވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ.

އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.