ދިރާގުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތްތައް އަނެއްކާވެސް ހިލޭ ފޯރުކޮށްދީފިއެވެ.

މިއީ ދިރާގުގެ ފަރާތުން އެ ޖަމިއްޔާއަށް 2016 ވަނަ އަހަރުން ފެށިގެން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތް އެ ޖަމިއްޔާއަށް ކުރިއަށް އޮތް އަހަރަށް ދިރާގުން ވަނީ އަލުން އާ ކޮށްދީފައެވެ. މިހިދުމަތަކީ ދިރާގުން އެޖަމިއްޔާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސޮލިއުޝަނެއްކަމަށް ދިރާގުން ބުންޏެެވެ.

މިހިދުމަތުގެ ސަބަބުން އެ ޖަމިއްޔާގެ މެންބަރުންނަށް ހިލޭ ފޯން މީޓިންގް ހިދުމަތް ފޯރުކޮށްދެވެއެވެ. އެ ޖަމިއްޔާއިން ހާމަކުރިގޮތުގައި އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވެއެވެ. ޖަލްސާ ބާއްވާލަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މަޝްވަރާކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ދިރާގުން މިފޯރުކޮށްދޭ ހިދުމަތަކީ އެގޮތަށް ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހައިން ބާއްވާލެވޭގޮތަށް ގާއިމުކުރެވޭ ހާއްސަ ޑިޖިޓަލް ސްޕޭސްއެކެވެ.

މިހިދުމަތުގެ ޒަރިއްޔާއިން ޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވުމާއި މިހިދުމަތް މެދުވެރިކޮށް މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރަން ނުހަނު ބޮޑަށް ފަސޭހަވެގެންދެއެވެ. ޖަމްޢިއްޔާގެ 200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެއެވެ.

މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ ތަފާތު ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ މިހިދުމަތް މެދުވެރިކޮށެވެ. ވޭތުވެދިޔަ އަހަރު ބީ..ވީ.އައި.އެސް.އެމް އިން ވަނީ މި ހިދުމަތުގެ ބޭނުންކޮށްގެން ހިސާބު، ލެޓިން އަދި ޤުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ.

އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި ޚިދުމަތުގެ ސަބަބުން ވަނީ މަގުފަހިވެފައެވެ.

ދިރާގުން ހިލޭ މިހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ރާއްޖޭގައި ލޯފަން ބޭފުޅުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، ލޯފަން ބޭފުޅުންނަށް ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ވީހާ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު