ކޮވިޑް-19 ޖެހިގެން މިއަދު އިނގިރޭސިވިލާތުން އިތުރު 828 މީހަކު މަރުވެއްޖެއެވެ.

މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިނގިރޭސިވިލާތުން މިއަދު މަރުވި މީހުންގެ ތެރެއިން ހަމައެކަނި އިންގްލެންޑުން 778 މީހުން މަރުވިއެވެ. މިއަދަކީ ދެހަފްތާ ތެރޭގައި އިންގްލެންޑުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިނގިރޭސިވިލާތުގެ ހުޅަނގު އުތުރު ސަރަހައްދުތަކުން 172 މީހުން މަރުވިއެވެ.

މިއަދު އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު އިއްޔެ އަށްވުރެ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެގައުމުން މަރުވީ 449 މީހުންނެވެ.

މިއަދު އިނގިރޭސިވިލާތުން 4301 މީހަކު ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 129,044 އަށް އަރާފައެވެ. އޭގެތެރެއިން 17,337 މީހުން ވަނީ މަރުވެފައެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުން މަރުވާ މީހުންނާއި ބަލި ޖެހޭ މިހުންގެ އަސްލު އަދަދު ސަރުކާރުން އިއުލާން ކުރާ އަދަދުތަކަށް ވުރެ މާބޮޑަށް ވެސް އިތުރު ވާނެއެވެ. ސަބަބަކީ ގިނަ ބަޔަކު އުމުރުން ދުވަސްވީ މަރުކަޒުތަކުގައި ވެސް މަރުވަމުން ދާތީއެވެ.

އިނގިރޭސިވިލާތުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް ފާއިތުވި ދުވަސްތަކުގައި ފެންމުން ދިޔަ ނަމަވެސް އެގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު