ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެންބަރުން މިއަދު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިކަން އިއުލާން ކުރައްވާފައި ނުވި ނަމަވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާ ކަމަށް ވިދާޅުވެފަ އެވެ.

ދައުރު ފެށިފައިވަނިކޮށް ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާ ހިމެނޭ ގޮތައް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ ޖުމްލަ 13 ޖަލްސާ އެވެ.

މެންބަރުން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފައިވާއިރު ހެއްކާ ބެހޭ ބިލާއި، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި، ތައުލީމުގެ ބިލް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ކުރި މަސައްކަތްތަކަށް ބަލާއިރު އެންޓި ޑިފެކްޝަން ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރަން ރުހުން ވެސް ދީފައި ވެއެވެ.

މަޖިލިސް ހިންގަމުން ގެންދަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ މެންބަރުން މަޖިލީހުގެ މިދައުރުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެފައެއް ނުވެ އެވެ. އެކަމާއި ގުޅިގެން އެ މެމްބަރުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ކުރިން، އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު ކަން ފާހަގަ ކޮށްލެެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަސީދު

    ޗުއްޓީ ، މިވެދާނެބާ ދުނިޔޭގެ އެއްމެފަސާހަ ވަޒިފާކަމައް