ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅި މީހުންގެތެރެއިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލަން ޤާނޫނީ ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އިންތިޚާބު ބާއްވާނެ ދުވަހެއް އެގިފައި ނުވުމާއި، އިންތިޚާބުގައި ވާދަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ މުވައްޒިފުންނަށް އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭގޮތަށް ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން، އިއްޔެ ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައި ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ދެނެގަތުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާމެދު ފޯނު ކޮންފަރެންސްގެ ޒަރިއްޔާއިންވެސް އަންގާރަދުވަހު މަޝްވަރާކޮށްފައިވާކަމަށެވެ.

އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް މިހާރު ނިންމާފައި ވީނަމަވެސް އިންތިޚާބަށް ކުރިމަތިލުމުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސް މުވައްޒިފުންނަށް މުސާރަޔާއި ރަމަޟާން މަހުގެ އިނާޔާތްވެސް ނުލިބެއެވެ. އެހެންވެ ގިނަ މުވައްޒަފުންނަށް ވަނީ ވަރަށް ބޮޑެތި މާލީ ދަތިކަމަކާއި ކުރިމަތިވެފައެވެ.

ސަރުކާރުން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިޚާބު ލަސްކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސަން ސެޓް ޤާނޫނުން މުވައްޒަފުންގެ ސަސްޕެންޝަން މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ ޤާނޫނުގެ މަސައްކަތް ރައްޔިތުން މަޖިލީހުގައި ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އެހެންކަމުން އެ ޤާނޫނު ފާސްވެ، ތަސްދީގު ކުރެވޭނެ ދުވަހެއް ވެސް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ތިކަހަލަހުރިހާމައްސަލައެއްގަ މިހާރު ދާންޖެހޭނީ ނަސީދު ގެ މުށުތެރެއައްކަން އިގިނުލައްވަނީތޯ މުޅިގައުމުގެ ހުރިހާބާރެއް މިހާރު އޮތީ އިބޫ ނުހިމެނޭ ގޮތައް 2 މީހެއްގެ އަތްމަތީގަ އަންހެނަކާ ފިރިހެނެއްގެ ބާރުގެ ދަށުގަ .....ޝެކިއުލަޒަމް އަންނަނީި އަންނަނީ

  2. މިއަދު.

    އެކިއެކި ތަންތަނުގައި މަސައްކަތްކުރާ މުއައްޒަފުން އިންތިޚާބަށްކުރިމަތިލީ އިންތިޚާބު ބާއްވާ ދުވަސް އެގިގެން އެދުވަހު އިންތިޚާބު ނުބޭއްވި އަދި އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަޑަނުއެޅިއްޖެ ކޮންމެ ހާލަތެއްގައި އޮޓޮމެޓިކުން ސަސްޕެންޝަން ކެންސަލްވާންޖެހޭނެ