ކޮވިޑް-19 އާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގަން ފެށި ކާފިއު އަށް ބޯނުލަނބައި ހުއްދަ ނެތި ބޭރުގައި އުޅޭ ނަމަ، މައްސަލައިގެ ކުޑަ އަދި ބޮޑުމިނަށް ބަލާފައި 500ރ. އާއި 5000ރ. އާ ދެމެދުގެ އަދަދުކުން ޖޫރިމަނާ ކުރުމަށް ކައުންސިލުން އިއްޔެ ނިންމައިފިއެވެ.

ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ އެ ރަށު ޓާސްކް ފޯސްގެ އެދުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިއްޔެ މެންދުރު 12:00 އިން ފެށިގެން ހުކުރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކުޅުދުއްފުށީ ސިޓީ ވަނީ ފުރަބަންދުކޮށްފައެވެ.

ކުޅުދުއްފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. މި އެންގުމާ ހިލާފުވާ މީހުންނާ މެދުގައި ފިޔަވަޅު އަޅާނެ ކަމުގެ ހަރުކަށި އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.

އެގޮތުން އެންގުމާ ހިލާފުވާ މީހުން، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ މީހުންނާ މެދުގައި އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500ރ. އާއި 5000ރ. އާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ކުރުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާ ކަމަށް އިއުލާންގައިވެއެވެ.

މި ދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަން ކައުންސިލުން އެދެއެވެ.

ކުޅުދުއްފުށި ފުރަބަންދު ކުރީ ހއ. އުލަގަމުން ބައްޔަށް ފައްސިވި މީހާ އެ ރަށަށް ފޭބުމުންނާއި ގިނަ ބަޔަކާ ބައްދަލުވެފައި ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނދޭ

    އެންމެނަކައް ޖުރުމަނާ ފައިސާ ނުދެއްކޭނެ ވީމާ އަދަބެއްގެ ގޮތުގައި ސާދަ ދުވަހައް އަނދަގޮނޑި ޖަހާގޮތައް ހެދިއްޔާ ނަތީޖާ މާ ރަނގަޅު ވާނެ