މީގެ އެއް އަހަރުކުރިން ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ޔާމީން ރަޝީދުގެ ޝަރީއަތް އާންމުކޮށް ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށް ޔާމީންގެ އާއިލާ އިން ބުނެފިއެވެ.

ޔާމީންގެ އާއިލާ އިން މިއަދު ޕީޖީ އާއި ބައްދަލުކޮށްފައިވާއިރު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ އިބްތިދާއީ އަޑުއެހުންތަކަށް ފަހު ޝަރީއަތް ފަށައިގެން ކުރިޔަށް ދާއިރު ޝަރިއަތް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ.

އަދި މައްސަލަ ކުރިއަށް ގެންދާ ގޮތުގެ ޕްރެޒެންޓޭޝަނެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާއިލާ އަށް ދޭނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށްވެސް ޔާމީންގެ ބައްޕަ ބުންޏެވެ.

ޔާމީންގެ މަރުގެ ޝަރީއަތް އާންމުކޮށް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއިރު އެ ޝަރީއަތް އާންމުކޮށް ހުޅުވާލުމަށް މަދަނީ ބައެއް ޖަމިއްޔާތަކުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ދަނީ ގޮވާލައްވަމުންނެވެ.

ޔާމީން މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މި މީހުން ޔާމީން މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ހަތް މީހުންނަކީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އޭނާގެ ގާތިލުން ނޫން ކަމަށް ޔާމީންގެ އާއިލާއިން ބުނެއެވެ.