ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތާއި ގުޅިގެން، މިކަމުން އަރައިގަތުމަށްޓަކައި، މުޅި ސަރުކާރު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް، އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިމިވާ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖެއަށް ދިމާވެފައިމިވާ ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުގެ މަސައްކަތްތައް ރޭވި، ކުރިއަށްދާ ގޮތް، މަބްރޫކް ވަނީ ސާފުކޮށް ކިޔައިދެއްވާފައެވެ. މިފަދައިން މީޑިޔާ ތަކާއި އެ މަޢުލޫމާތު ޙިއްސާކުރަންޖެހުނީ، ކޮވިޑް-19 ން ދިވެހި ރައްޔިތުންނާއި، މުޅި ޤައުމު، ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ނޫޅުއްވާ ކަމަށް ބައެއް މިޑިޔާ ތަކުގައި ދެކެވޭ ވާހަކަތައް އޮޅުއްފިލުއްވައި ދެއްވުމުގެ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ލޮކްޑައުން އަށް ފަހުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު އެކި މީޑިޔާތަކުން އަދި އެކި ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކައިގައި، ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ވަރަށް ގިނަ، ބޭފުޅުން، ދަޢުލަތުގެ އެކި އެކި ބޭފުޅުން ދުރަށް ޖެހިވަޑައިގެން ތިއްބެވިކަމަށް. ރޭގަ އަޅުގަނޑަށްވެސް ޚަބަރު ލިބުނު، މީޑިޔާއެއްގައި މި ވާހަކަ ދެކެވުނު ކަމަށް، ރައީސްވެސް މިހާރު ހުންނެވީ އާރަށަށް ވަޑައިގެން ކަމަށް. އެހެންވީމަ އަޅުގަނޑު ހިތަށް އެރި މިއަދު ތިބޭފުޅުންނަށް ސާފުކޮށް ކިޔައިދޭނަމޭ މިހާރު މަސައްކަތްތައް ހިނގަމުންދާ ގޮތް." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ދޭ މަޢުލޫމާތު ތަކަކީ، މައިގަނޑު ގޮތެއްގައި، އެންއީއޯސީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ކަމަށާއި، އޭގެ އިތުރުންވެސް ކަމާއި ގުުޅުންހުރި އެތައް މަސައްކަތްތަކެއް ކޮންމެ ދުވަހަކުވެސް ކުރެވެމުން ދާ ކަމަށެވެ.

"ފުރަތަމަ ކަމަކިީ ތިބޭފުޅުންނަށް އަޅުގަނޑު މި މަޢުލޫމާތު އަރުވަނީ އެންއީއޯސީގެ ފަރާތުން. އެންއީއޯސީ ތެރޭގަ މަލްޓި އެޖެންސީ މަސައްކަތްތަކެއް ކުރެވެމުން ދަނީ. އެ މަސައްކަތް ލީޑް ކުރައްވަނީ، އެންޑީއެމްއޭ އާއި އެޗްޕީއޭގެ ފަރާތުން. އަދި މި ދެ ތަން ހިމެނެނީ މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ހެލްތްގެ ދަށުން. ތިބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ކަރަންޓީން ފެސިލިޓީ ތަކާއި، އެކަމަޓޭޝަންގެ ކަންތައްތައް މާލޭގައި ތިބި ފްރަންޓް ލައިންގެ މަސައްކަތްތެރިންނާއި ވެސް އެއްކޮށް ހަމަޖައްސަވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ މަތިން. އަދި ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ހޯމް މިނިސްޓްރީގެ ފަރާތުން މަސައްކަތް އެބަ ކުރައްވާ. އަދި ބޭރުގަ ތިއްބެވި ފަރާތްތަކުގެ ހާލު ބެއްލެވުމާއި، ބޭރު ޤައުމުތަކުން އެހީ ހޯދުމުގައި ފޮރިން މިނިސްޓްރީންވެސް ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން." މަބްރޫކް ވިދާޅުވިއެވެ.

ހަމައެހެންމެ، މަބްރޫކް ވިދާޅުވީ، މުޅި ރާއްޖެ ފުރަބަންދުކޮށްފައިވާ މި ހާލަތުގައި ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައްވެސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ކަމަށާއި، ސޯޝަލް ކައުންސިލްގައި އެތައް މިނިސްޓްރީއެއްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

"މިކަމާއި ގުޅިގެން އިތުރަށް ދިމާވާ އިޖްތިމާޢީ ކަންތައްތައް އަދި، ލޮކްޑައުން އާއި ގުޅިގެން ބައެއް ޚިދުމަތްތައް މެދު ކެނޑުނަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ނައިބު ރައީސް، އިސްވެ، ސޯޝަލް ކައުންސިލުން ގެންދަވަނީ ކުރައްވަމުން. ތިބޭފުޅުންނަށް އެނގިވަޑައިގަންވަނާނެ، ސޯޝަލް ކައުންސިލްގައި ޖެންޑަރ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، އެންވަޔަރމަންޓް މިނިސްޓްރީ، ހަޔަރ އެޑިއުކޭޝަން، އަދި ރައީސް އޮފީހުގެވެސް ބައެއް މިނިސްޓަރުން ހިމެނޭ ގޮތަށް މަސައްކަތްތަކެއް ކުރެވެމުން ދޭ. މާލޭގައި ބޯހިޔާވަހިކަން ގެއްލި، ވަންނާނެ ތަނެއް ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށް އެބަ ގެންދަވާ. ރާއްޖޭގެ ހުރިހާ ރަށެއްގެ ކުނީގެ ކަންކަން މެނޭޖްކުރެއްވުމުގައި އެންވަޔަރމަންޓް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އެބަ ކުރިއަށްދޭ. މުޅި ސަރުކާރު އެއްކޮށް، އޮތީ އެންގޭޖްވެފަ." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކަށް މި ބަލިން ވަނީ ޝިފާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ބަލަގަ ސަރުކާރުން އެބަޖެހޭ ކޮންމެވެސް ކަމެއް ކުރަން! މިދިޔަ އަހަރުވެސް 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލިއިރު ރައްޔިތުންނަށް ކޮށްދިން ކަމެއް ހަރާން!

  2. ތެއިހައި ރަހަކަޓެ ހުއްޓީ ބެއްޔާ

    އޭ މަބުރޫކް އެވެ. މަނިކުފާނު ރައްޔިތުންނަށް އޮޅުވާ ނުލައްވާށެވެ! ދިވެހި ރައްޔިތުންނަށް މިސަރުކާރުން ކަންކުރާ ގޮތް އޮޅިފައެއް ނުވެއެވެ. ސަރުކާރު ތިޔަވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށް ވެސް މަސައްކަތް ކުރެއްވޭނީ ވަކި ވަރަކަށެވެ. އެބޭކަލުން ވަރުބަލިވުމުން އެބޭކަލުންނަށް ވެސް ނުކައި ނުބޮއި ނުނިދައި އަނބިދަރިންގެ ޙާލު ނުބަލައި ކޮޅަކަށް ނުތިބެވޭނެއެވެ. ދެން ބޮޑު މުސާރަ ކައިގެން ފިލާތިބޭ ވައްތަރުގެ ލާދީނީ ބައިގަނޑެއް ދިވެހިރައްޔިތުން ބޭނުމެއް ނުވެއެވެ. ކަނޑައެޅިގެން ޤުރުއާނާއި ރަސޫލާ އަށް ފުރައްސާރަ ކުރާ ބައެއް އަމުދުން ބޭނުމެއް ނޫނެވެ. ވައިރަސް ވެއްދީ ކާކުކަން މަބްރޫކް ބުނެދީ ބަލާށެވެ! ކާކުތޯ ބޯޑަރު ބަންދު ކުރަން ހުރަސް އެޅީ މިސުވާލަށް ޖަވާބު ދީބަލާށެވެ! އެފަރާތަކާއި މެދު ދުނިޔެ ޤިޔާމަތް ނުވެ އޮތިއްޔާ ތަޙްޤީޤުކޮށް މިފަސްގަނޑުގައި ޝަރީޢަތް ހިންގާތަން ދުނިޔޭގައި ތިބި ބަޔަކު ދެކޭނެ ކަމީ ކަށަވަރުވެ ޔަޤީންވާ ކަމެކެވެ.

  3. Anonymous

    މުޅި ސަރުކާރު އޮތީ ފެއިލްވެފައި. ސަމްޕަލް އެއް ނަގަން ވެސް ހަފްތާއެއް. އެކަމަކު އެންމެ ވޯސްޓް ސިނަރިއޯ އަށް ވެސް ތައްޔަރޯލަ