ހިއުމަން ރައިޓްސް ކޮމިޝަނުގެ ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ކ.މާފުށީ ޖަލުގައި ހުންނަ ރިމާންޑް ޔުނިޓަށް މިއަދު މޮނިޓަރިން ޒިޔާރަތެއް ކޮށްފިއެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ކުރީގެ ރިމާންޑް ޔުނިޓް 4 އަދި ފަހުން އިއުލާންކުރި ޔުނިޓް 13 ގެ ހާލަތު ބަލައި ރިމާންޑް ޖަލާއި ގުޅޭގޮތުން އެ ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ވެފައިވާ މިންވަރު ބެލުން ކަމަށެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ކ.މާފުށީ ޖަލާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެ ކަމަށް އެޗްއާރްސީއެމް އިން ހާމަކުރެއެވެ.

އަދި ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައްދަލުކޮށް، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯ-އަޕް ހެދުމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.