ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ނިރުބަރުވެރިކަމުގެ ދައުވާ އާއި ގުޅިގެން ވަކީލަކު އައްޔަން ކުރަން އެމަނިކުފާނަށް ދެ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

ވަކީލަކު އައްޔަން ކުރަން ރައީސް މައުމޫން އަށް ދެ ދުވަހުގެ މުއްދަތެއް ދިނީ މި މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައެވެ.

ދައުލަތުން ދައުވާ އިއްވާ ނިމުމުން މައުމޫން ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ދިފާއީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށާއި އެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކަމުގައިވާ 10 ދެއްވުން އެދޭ ކަމަށެވެ.

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ، މި މައްސަލައިގެ ތަހްޤީގުގައި މައުމޫނުގެ ދިފާއުގައި އެކަކަށްވުރެ ގިނަ ވަކީލުން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، މައުމޫނުގެ ބަންދަށް ލުއި ދިނުމަށް އެދި މައުމޫނުގެ ވަކީލުން ސިޓީ ފޮނުވުމާއި ގުޅިގެން ރިމާންޑް ޖަލަކަށްވެސް ބަދަލު ކޮށްދީފައިވާނެ ކަމަށެވެ. އެހެންކަމުން ވަކީލަކު ހަމަޖައްސަން ބަންދު ދުވަސްތަކާ ނުލައި 2 ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް ޝަރީއަތުން ދެކޭކަމަށެވެ.

ގާޒީގެ ނިންމުމާ ހިތްހަމަޖެހިވަޑައި ނުގަންނަވާ މައުމޫނު ތަކުރާރުކޮށް އިތުރު މުއްދަތަށް އެދިވަޑައިގަތެވެ. މައުމޫނު ވިދާޅުވީ ވަކީލުންނަކީ ބިޒީ ބައެއް ކަމަށާއި، ގިނަ މައްސަލަތަކެއްގެ ޝަރީއަތް ކުރިއަށްދާތީވެ 2 ދުވަހަކީ ވަކީލަކު ހަމަޖައްސަން އެކަށީގެންވާ މުއްދަތެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި މި މައްސަލައިގައި މީގެ ކުރިން ވަކީލުން ހަމަޖައްސާފައި ނުވާނެކަމަށާއި، ވަކީލުން ހަމަޖައްސާފައި ވާނީ އެހެން މައްސަލަތަކުގައި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ވަކީލަކު ހަމަޖައްސަން އިތުރު މުއްދަތަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަކާލާތު ކުރެއްވިއިރު، މައްސަލައިގެ ޝަރީއަތަށް ވަޑައިގަންނަވާއިރު ވަކީލަކު ހަމަޖައްސަން ޖެހޭކަން އެނގިވަޑައި ނުގަންނަވާތޯ ގާޒީ ހައިލަމް މައުމޫނާ ސުވާލުވެސް ކުރެއްވިއެވެ. މައުމޫން ކޮޅަށް ހުންނަވައިގެން ވާހަކަފުޅު ކުރިއަށް ގެންދަވަނިކޮށް ގާޒީ ވަނީ މައުމޫން އިށީންނަވައިގެން ވާހަކަ ކުރިއަށް ގެންދިޔަޔަސް އެންމެ ރަނގަޅުކަމަށް ވިދާޅުވެ އިށީންނެވުމަށް އިޝާރާތް ކުރައްވާފައެވެ. ނަމަވެސް ހިނިފުޅުވެޑުވުމަށްފަހު މައުމޫން ވިދާޅުވީ، ކުރިއަށް ގެންދަވާނީ ކޮޅަށް ހުންނަވައިގެން ކަމަށެވެ.

ވަކީލަކާވެސް ނުލާ ކުރިއަށް ގެންދިޔަ މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ދައުވާއާއި ގުޅޭ ލިޔުންތައް މައުމޫނަށް ލިބިވަޑައިގެންނެވިތޯ ގާޒީ އެއްސެވުމުން މައުމޫން ވިދާޅުވީ، ލިޔުންތަކެއް ލިބިފައިވާ ކަމަށާއި، ވަކީލަކު އައްޔަން ކުރެވުމުން ބެލުމަށްފަހު ލިޔުންތަކާމެދު ޖަވާބުދާރީވެވަޑައިގަންނަވާނެކަމަށެވެ.

ގާޒީ ވިދާޅުވީ ލިޔުންތަކާމެދު ޝަކުވާއެއް ވާނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅޭނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ވަޑައިގަނަންވާއިރު ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެވަޑައިގެން ވަޑައިގަތުމަށްވެސް ގާޒީ އެދިވަޑައިގަތެވެ. ބަންދުގައި ހުންނަވާތާ 83 ދުވަސް ވެފައިވާ ކަމަށާއި، އުމުރާއި ޞިއްޙީ ހާލަތު ހުރިގޮތުންނާއި، ބަންދުކޮށްގެން ގެންގުޅެންޖެހޭފަދަ ކުށެއް ކޮށްފައި ވާނެކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެވޭކަމަށާއި، ބަންދުގައި ބަހައްޓާނަމަ ޞިއްޙީ ނުރައްކަލެއް ދިމާވެދާނެކަމަށާއި، ބަންދުން މިނިވަން ކޮށްދެއްވުމަށް، އަދި މިނިވަން ކޮށް ނުދެވޭނަމަ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް މިއަދުވެސް މައުމޫން އެދިވަޑައިގަތެވެ.

މައުމޫނުގެ އެދިވަޑައިގަތުމަށް ގާޒީ ހައިލަމް ވިދާޅުވީ މައުމޫނުގެ ބަންދާއި މެދު މީގެ ކުރިން ބަންދުގެ މަޖިލީހުގައި ގޮތެއް ނިންމާފައިވާނެ ކަމަށާއި، އެ ނިންމުމަކީ ދައުލަތާއި ބަންދު މަރުކަޒުގެ ލަފަޔަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މައުމޫނު ބަންދުގައި ބަހައްޓާފައި ހުންނަވާ މަރުކަޒުގަތަކުގައި މައުމޫނު ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކޮށް ހާއްޞަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މައުމޫން ހައްޔަރު ކޮށްފައިވަނީ ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާގައި ކަމަށާއި، އެހެންކަމުން ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައަށް ނުރައްކާވެ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެތުމުން ބަންދަށް އިތުރު ބަދަލެއް ގެންނަވަން ފެނިވަޑައިނުގަންނަވާކަމަށްވެސް މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ހައިލަމް ވިދާޅުވިއެވެ.

ގާޒީގެ މި ވާހަކަތަކާއި ގުޅިގެން މައުމޫން ވިދާޅުވީ، ވަކީލަކު ހަމަޖައްސަވާފައި މި ވާހަކަތައް މިއަށްވުރެ ތަފްސީލުކޮށް އަދި ޝަރީއަތުގައި ދައްކަވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ވައްޓާލަން މަސައްކަތް ކޮށްފައިވާތީއާއި، ދައުލަތުގެ ވަކިވަކި ބާރުތަކަށް ބުރޫ އަރާގޮތަށް، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ރިޝްވަތު ދީގެން ނެރެފައިވާ ކޯޓު އަމުރެއް ކަމަށާއި، އެ އަމުރު ނެރުމުގައި މައުމޫނު ބައިވެރިވެފައިވާކަމަށާއި، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް އިތުރު ފުލުހުންތަކެއް ލައްވާ ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ދައުލަތާއި ޤައުމީ ސަލާމަތަށް ނުރައްކާކޮށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފެށިއިރު، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަދުގަނޭ

    ޤާނޫނުގައި 10 ދުވަސް ދޭން ބުނޭ..މިހާރު އިޖްރާޢަތު ޤާނޫނެއް އުވުނީތަ؟

  2. ހުސޭނުބޭ

    ކަޅުފޮށީގައި ގިނައިން ބައްސަވާ ބޭކަލަކަށް އެންމެ 2 މިނެޓުންވެސް ވަކީލަކު ކަނޑަނޭޅެންވީ ސަބަބެއް ނެތް! މޮޔަނުގޮވާ!

  3. ޕޮފުބާ

    އެންމެ. ދުވަހެއްވެސް ދޭނެކަމެއްނެތް 30އަހަރު އަނިޔާވެރި އީވާންނަސީމް އަނިޔާވެރިކޮންމަރާލި ވާހަކަ މިހާރަކު ނުދައްކާ އިންސާފްގެ ދަތުރުގަ ކޮންމެރަށަކުންވެސް އެމްޑީޕީމީހުން ފުރަންވީމަ އީވާންނަސީމުގެ އަނިޔާވެރިގޮތަކަށް މަރާލި ވާހަކަ އަޑުގަދަކުރާއިން ޖެހި އެކަމަކު މިހާރު އީވާން ނަސީމް އާއިލާއޮތީ މައުމޫނާއެކު

  4. ރަށްދު

    އެންމެ ދުވަހެއްވެސް ދޭނެކަމެއްނެތް މައުމޫން ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރެއްގަ މައުމޫނުގެ ބަނޑުފުޅަށް ހިޔޮނުވިސްނޭ ސްކޫލްކުއްޖަކު ވަޅިހަރަން އުޅުނީމަ އެކުއްޖާގެ މުޅިހާތް ބަރުބާދު ކޮއްލީ މައުމޫން އެކުއްޖާއެވަނީ 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަންޖެހިފަ އެއީވެސް އިންސާފް ވަޅިޖެހިނަމަ ރަނގަޅު އެފަދަ އަނިޔާއެއްދޭން އެކަމަކު މީހުންމަރާލާފަ ތިބިމީހުންވެސް މައުމޫން ވެރިކަމުގަވެސް ދޫކޮއްލާފަ އެބަހުރި އެވެސް އިންސާފް މައުމޫނަށް ތިފަދަހާލެއް ޖެއްސެވި ﷲ حمدކުރަން އަނިޔާވެރިންނަށް ކޮންމެސް ދުވަހަކުން އެއަނިޔާވެރި ކަމުގެ ހިތިރަހަ ކަރުތެރޭގަ ލައްވާނެ انشاء الله

  5. ޖޮއްބެ

    ދެދުވަސް މާގިނަ އެހާ ހުޝިޔާރު މީހުންނަށް 1 ދުވަސް ފުދޭނެ.....!!!

  6. މޫސަ މާލެ

    އެވަރު މަދީތަ؟؟؟؟؟؟ އަދިވެސް އުޅޭތި. ތިމާމެންނަށް ނުވާވަރުގެ މޮޔަ ކަންތައްތައް ކުރަން . ތިވަރު ތަންފުކެއް ބޮޑު 30 އަހަރުގެ މޫނާ!!!!!!!!!!!!!!!!!!!!!!