މާލޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާ އިރު، ސިއްހީ މާހިރުން އެންމެ ބޮޑަށް މިހާރު އިރުޝާދުދޭ އެއް ކަމަކީ މޫނު ނިވާނުކޮށް ބޭރަށް ނުދިއުމަށެވެ. ޒަރޫރީ ބޭނުމެއްގައި ބޭރަށް ދާ ނަމަވެސް މާސްކް އަޅައިގެން ނުކުތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެއް ސަބަބަކީ އެއީ ބަލި ޖެހިފައި ހުރި މީހެއް މިހާރު އެނގެން ނެތުމެވެ. އަދި ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން އެއްބަސްވެއެވެ.

މޫނު ނިވާ ކުރާއިރު ސާޖިކަލް މާސްކެއް ބޭނުން ނުވާނެ ކަމަށާއި ފޮތި މާސްކެއް ފުދޭނެ ކަމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

ކޮވިޑް-19 އަކީ ދުނިޔެއަށް އޮތް ސިއްހީ ނުރައްކަލެއްކަން އިއުލާން ކުރި ހިސާބުން ފެށިގެން މާލެއަށް އުފަން ޒުވާން އުމުރު ފުރާގެ އަންހެނަކު ދަނީ، ފޮތި މާސްކްތައް ތައްޔާރުކޮށް އެ މާސްކް ހިލޭ އާއްމުންނަށް ފޯރުކޮށްދެމުންނެވެ. އޭނާގެ އެ ހިދުމަތް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަލައިގެންފައެވެ.

މުނާލް ތައްޔާރު ކުރި މާސްކްތަކެއް

މުނާލް ޝުޖާއު އަކީ "ފާމުޝޫ" ނަމަކަށް ކިޔާ ދިވެހި ހެދުންތައް އުފައްދާ ކުންފުންޏެއް ވުޖޫދު ކުރުމުގެ މޭސްތިރިޔާއެވެ. ފެޝަން ޑިޒައިނިންގެ ދާއިރާއިން ތައުލީމް ހާސިލް ކުރި މުނާލް މި މަސައްކަތް ކުރަމުން ދަނީ އޭނާގެ އާއިލާ އާއި އެކުގައެވެ.

ފާމުޝޫ އަކީ ދިވެހި ރަހަ ހިމެނޭ ގޮތަށް ހެދުންތައް ތައްޔާރު ކުރާ ބަޔަކަށްވާ އިރު، ބޮޑަށް އެ ހެދުންތައް ޚާއްސަވެފައި ވަނީ މޫދަށް ދާއިރު ލާ ހެދުން ފަދަ ތަކެއްޗަށެވެ. ނަމަވެސް ފާމުޝޫގައި އެކިކަހަލަ ހެދުމާއި ގަހަނާ ވެސް ލިބެން ހުރެއެވެ.

މުނާލް "ވަގުތަށް" ބުނީ ހިލޭ މާސްކް ހަދަން ނިންމީ މި ދަނޑިވަޅުގައި ރައްކާތެރިވާން ހޭލުންތެރިވުމަށާއި، އާންމުންނަށް އެހީވުމުގެ ގޮތުންނެވެ.

"ސާޖިކަލް މާސްކް ބަހައްޓަން ޖެހެނީ މެޑިކަލް އެންމެ ބޭނުންވާ މީހުންނަށް. ފޮތި މާސްކަކީ ގޭގައި ވެސް ހެދޭނެ އެއްޗެއް. ދެން ޕެންޑަމިކް އެއްކަން އިއުލާންކުރުމާ އެކު، ބޭރު ތަންތަނުން ވެސް މާސްކް ބަހާ. އަޅުގަނޑުވެސް އަމިއްލަ ބްރޭންޑެއް އޮވޭ. ދެން ރާއްޖެ ކަހަލަ ތަނަކަށް މާސްކް ދަތިވާނެ ކަން އެނގޭ. ފެއްޓީ ޕްރޮމޯޝަންއަކަށް. ފެށީ 600 އާއި 1000 އާއި ދެމެދު މާސްކް ފޯރުކޮށްދޭން." މުނާލް ބުންޏެވެ.

ދާއިރާގައި މަސައްކަތް ކުރާތާ ތިން އަހަރުވެފައިވާ މުނާލް ވަނީ މިހާތަނަށް އައިއިރު ގާތްގަނޑަކަށް 200 އެއްހާ މާސްކް ހިލޭ ފޯރުކޮށްދީފައެވެ. މުނާލް މާސްކް ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ފުލުހުން، ސިފައިން އަދި ނަރުހުން ހިމެނެއެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް 300 އެއްހާ މާސްކް ވަނީ ނިމިފައެވެ.

މި މަސައްކަތް ފެށުމުގެ ކުރިން އޭނާ ވަނީ މިކަމާއި މެދު އާއްމުން ދެކޭ ގޮތް ދެނެގަންނަން ވެސް މަސައްކަތްކޮށްފައެވެ.

"ފުރަތަމަ ޓްވިޓާއަށް ލާނީއޭ ހިތަށް އެރި، މީހުންގެ ޚިޔާލް ހުރި ގޮތެއް ބަލާލާނަން. އޭޕްރީލް ތިނެއް ހިސާބުގައި މަސައްކަތް ފެށީ. މީހުން ވަރަށް ސަޕޯޓިވް. ދެން އެނގުނު ވަރަށް ތަރުހީބު އެބައޮތްކަން. ދެން ޑޮކްޓަރުން ވެސް އެޕްރޫވް ކުރި. ފާމުޝޫގެ މާސްކްތައް ކޮލިޓީވާނެ. ޑރ. ނިޔާފް ފެށުނީއްސުރެ ވެސް ވަރަށް އެހީތެރި. އިރުޝާދު ވެސްއެބަދޭ ބޭރަށް ދާއިރު މޫނު ނިވާނުކޮށް ނުދާނެ." މުނާލް ކިޔައި ދިނެވެ.

މުނާލްގެ މާސްކްތައް ހިލޭ ބަހަމުން ދިޔަ ނަމަވެސް މި މާސްކް ގަންނަން ވެސް ލިބެން ހުރެއެވެ. މި މާސްކްގެ އަގަކީ 30ރ. އެވެ.

އާންމުންގެ ފަރާތުން ލިބޭ ތަރުހީބުގެ އިތުރުން މާސްކް ހަދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ވެސް އެހީތެރިކަން ލިބޭކަން އޭނާ ފާހަގަކުރެއެވެ.

މާލެ ފުރަބަންދުކުރުމުން ތަކެތި ނުލިބި ދަތިވި ކަމަށާއި މިހާރުވެސް މާސްކް ހަދަން ބޭނުންވާ ތަކެތީގެ ދަތިކަމާ ހުރެ ބައެއް ފަހަރު މަސައްކަތް ހުއްޓޭކަން މުނާލް ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިސްތު

    ސާބަހޭ ތި ކުރާ މަސައް ކަތައް

    13
    1
  2. ފުތާބެއްޔާ

    މަ ހީކުރީ ނިފްރީޓީޓީ ކަމަށް ފޮޓޯގަ އިނީ

    9
    3
    • ކައޭ

      ޙަޖޫ ނުޖަހަބާ ދޯ ..ގައުމައްޓަކައި އަދި އާންމު ރައްޔިތުންނަށްޓަކައި އެފަދަ އަގުހުރި ކަމެއް ކޮށްދެއިރު
      ..

      1
      2
  3. މުފައްކިރު.

    ބުނެވޭ ގޮތުން ޗައިނާގެ ރަ އީސް ވެސް އެދި ވަޑަިގަތް.